ދިވެހި އަންހެން ކަނބަލުންނަށް ސަރުކާރުން ދެއްވާ އެންމެ ޝަރަފުވެރި އެވޯޑު، ރެހެންދި އެވޯޑު، އައިޝަތު ނާޒިމާ އަަށް ލިބިވަޑައިގެންފިއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާޞަބަތުގައި، ކ.މާފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ނާޒިމާ އަށް މި އެވޯޑު ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.

އިޖްތިމާޢީ ދާއިރާއިން ލިބިވަޑައިގެންނެވި މި އެވޯޑާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ނާޒިމާ ވިދާޅުވީ، މިއީ ކުރިއަށް ދިއުމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށާއި، އެކި ދާއިރާތަކުން އަންހެނުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކޮށް މިފަދަ އެ އެވޯޑުތައް ދެއްވަމުން ގެންދަވާކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.

މިއަދު ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ އިބްރާހީމް ޝާބިލް

"މިއީ ކުރިއަށް ދިއުމަށް ލިބުނު އިތުރު ހިތްވަރެއް. އަޅުގަނޑުގެ ކުރިމަގަށް ލިބުނު މުޙިއްމު އެވޯޑެއް މީ. މީގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމަށްވެސް ލިބުނު އިތުރު ހިތްވަރެއް." ނާޒިމާ ވިދާޅުވިއެވެ.

ކުޅިވަރުގެ ރޮނގުންނާއި އިޖްތިމާޢީ ރޮނގުންވެސް ނާޒިމާ ވަނީ ގިނަ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައެވެ. އަދި ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެތަށް އެވޯޑެއް ނާޒިމާ އަށް ވަނީ ލިބިވަޑައިގެންފައެވެ.

މި ހުރިހާ ސަބަބުތަކާއި ހުރެ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ނާޒިމާ އަކީ ދާއިރާގެ ރައްޔިތުން ފަޚުރުވެރިވުން ހައްޤު ދަރިއެކެވެ. މާޒީގައި ނަތީޖާ ނެރެދެއްވާފައިވާ، ހީވާގި، ހިންގުންތެރި، ކުޅަދާނަ ކަނބަލެކެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާޒިމާ ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.