އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި މެމްބަރުންގެ ތެރެއިން، އެ މެމްބަރުންގެ ދާއިރާއަށް އެންމެ ގިނައިން ޒިޔާރަތް ކުރުމުގެ އެވޯޑު، ފޭދޫ ދާއިރާގެ މެމްބަރ، އިބްރާހިމް ދީދީ (އައިބީ) އަށް ލިބިވަޑައިގެންފިއެވެ.

އައިބީ އަށް މި އެވޯޑު ދެއްވާފައިވަނީ، ރާއްޖޭގެ އޮންލައިން ނޫހަކުންނެވެ.

މިކަމަށްޓަކައި، ޗަންޕާ ސެންޓްރަލް ހޮޓަލްގައި ބޭއްވި، ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އައިބީ ވިދާޅުވީ، ދާއިރާ އަށް ޒިޔާރަތްކޮށް، ދާއިރާގެ ރައްޔިތުންގެ ހާލު އޮޅުންފިލުވުމަކީ ލިބޭ ޢުފަލެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަށް މިރޭ މި އެވޯޑު ލިބުނީމަ، އެންމެ ފުރަތަމަވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާ ޝުކުރު ކުރަން. ހަމަ އެއަށްފަހު ދާއިރާގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުންވޭ. ވޭތުވެދިޔަ ފަސް އަހަރު، އެއީ ގާތްގަނޑަކަށް، 1825 ދުވަސް ،އަޅުގަނޑުވާނީ ދާއިރާއަށް 107 ފަހަރު ވަން ވޭ އަށް ދަތުރު ކޮށްފަ، އަޕް އެންޑް ޑައުންކޮށް އަޅުގަނޑުވާނީ 214 ފަހަރު ދަތުރު ކޮށްފައި." އައިބީ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އައިބީ ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ކުރާ ގެއާއި އެންމެ ދުރުގައި އޮންނަ ދާއިރާއަކީ ފޭދޫ ދާއިރާ ކަމަށާއި، ރައްޔިތުންނާއި މިހާ ގާތުން މަސައްކަތް ކުރެވިފައިވާތީ، އެކަމާ އުފާ ކުރައްވާ ކަމަށެވެ.

"މިދަތުރު ތަކަކީ މާލެ އާ އެންމެ ދުރުގަ އޮންނަ ދާއިރާ އަށް އަޅުގަނޑު ކޮށްފައިވާ ދަތުރުތައް. ބައެއް މެމްބަރުން އެބަހުރި އެންމެ ފަސް ފަހަރުވެސް ދާއިރާ އަށް ދަތުރު ކޮށްފައި. އަޅުގަނޑު މިހުރިހާ ދަތުރެއް ކުރިއިރުވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ޖަލްސާއަކަށް އެބްސެންޓް ވެފައެއް ނޯންނާނެ." އައިބީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް އަމިއްލަ ގޮތުން އައިބީ ވާދަކުރައްވައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.