ދޭދޭ ފަރުދުން ބައްދަލުވާހިނދު، އިސްލާމީ ސަލާމުން ސަލާމް ކުރުމަށް އާދަކުރާ ބަޔަކަށް އަޅުގަނޑުމެން އެންމެންވެސް ވާންޖެހޭ ކަމަށް މިއަދު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ދޭދޭ ފަރުދުން ބައްދަލުވާހިނދު އިސްމާލީ ސަލާމުން ސަލާމް ކުރުމަށް އާދަކުރާ ބަޔަކަށް އަޅުގަނޑުމެންވެސް ވަމާތޯއެވެ. އަދި ފޯނުކުރުމާއި، މީސްމީޑިޔާގެ ވަޞީލަތްތަކުން އެކަކު އަނެކަކާ މުޢާމަލާތްކުރުމުގައި ވެސް އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމް ކުރަމާތޯއެވެ." މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ.

ހުޠުބާގައި އިތުރަށް ވިދާޅުވީ، މިއަދު އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން ބާވެ، މިތުރުން ހަތުރުންނަށް ވެއްޖެ ކަމަށާއި، ގާތްތިމާގެ ކަމުގެ ގުޅުން ކެނޑި، ދެމަފިރިން ދެބަސްވެ، ރަޙްމަތްތެރިން ޢަދާވާތްތެރިންނަށް ބަދަލުވެފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން ބާވެ، މިތުރުން ހަތުރުންނަށް ވެއްޖެއެވެ. އަދި ގާތްތިމާގެ ކަމުގެ ގުޅުން ކެނޑި، ދެމަފިރިން ދެބަސްވެ، ރަޙްމަތްތެރިން ޢަދާވާތްތެރިންނަށް ބަދަލުވަމުން މިދަނީ އިސްލާމްދީނުގައި އެއްބަޔަކު އަނެއް ބަޔަކަށް ދަމަހައްޓަންޖެހޭ ލޯބި ދެމެހެއްޓުމަށް ދީނުގައި އަންގަވާފައިވާ ސަލާމް ކުރުމުގެ އާދަޔާއި އަޅުގަނޑުމެން ބީރައްޓެހިވުމުންނެވެ." މިއަދުގެ ޚުޠުބާގައި ވިދާޅުވިއެވެ.

ހަމައެހެންމެ، ސަލާމްކުރުމުގައި މާތްވެގެންވާ އިސްލާމްދީނުގައި އަދަބުތަކަކާއި އުޞޫލުތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އެގޮތުން ފިރިހެނުން ފިރިހެނުންނާއި އަދި އަންހެނުން އަންހެނުންނާއި އަތް ޖޯޑުކޮށް ސަލާމް ކުރުމަށް އިސްލާމް ދީން ބާރު އަޅާކަމަށްވެސް މިއަދުގެ ޚުޠުބާގައި ވަނީ ވިދާޅުވެފައެވެ.