ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އެކުލަވާލަން އުޅެނީ ކޮކްޓެއިލް ކޮމިޝަންތަކެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ކުރީގެ ޕޮލިސް ކޮމިޝަނަރ އަބްދުﷲ ރިޔާޒްގެ ކެމްޕޭން އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ އެކޮމިޝަންތަކަކީ ޤާނޫނާއި ހިލާފަށް އެކުލަވާލަން އުޅޭ ކޮކްޓެއިލް ކޮމިޝަންތަކެއް ކަމަށެވެ.

ގާސިމް ވަނީ ޤާނޫނު އަސާސީ އާއި ތައާރުޒުވާ ގޮތައް ކޮމިޝަންތައް އުފައްދާ އެކޮމިޝަންތަކަށް ބާރުތައް ދޭންވީތޯ ސުވާލު އުފައްދަވާފައެވެ.

"މިއަދު އަޅުގަނޑުމެން ވީތޯ ކަނޑައެޅިގެން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ތައާރުޒުވާ، ޤާނޫނު އަސާސީން އިން ވަކިކޮށްފައި އިންވަކިކޮށްފައިހުރި، އެކި އެކި މުއައްސަސާތަކައް ދީފައިހުރި ބާރުތައް ފުރޮޅާލާފައި، ކޮންމެސް ކޮމިޝަނެއް ހަދާފަ ކޮމިޝަނެއްގެ މައްޗަށް ބާރުވެރިކަން ދީގެން، މިހުރިހާ މުއައްސަސާއެއް (އެންޓި ކޮރަޕްޝަން ކޮމިޝަން ވިޔަސް، ޕީޖީކަމަށްވިޔަސް، އަދި ފުލުހުންގެ މަސައްކަތް ވިޔަސް، ހިއުމަން ރައިޓްސް ކޮމިޝަނުން ކުރާ މަސައްކަތް ވިޔަސް) ހުރިހާ އެއްޗެއް އެއްކޮށްލައިގެން އެންމެ ހަތަރު ފަސްމީހަކު ނުވަތަ ހަތް މީހެއްގެ މައްޗަށް އެކުލެވޭ ބަޔަކު އުފައްދާ ކޮމިޝަނަކަށް ބާރުދޭން؟" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މީގެ ކުރިން ވެސް ރައީސުން ރިޔާސީ ކޮމިޝަންތައް އުފެއްދެވި ކަމަށާއި ނަމަވެސް އެއްވެސް ބޭފުޅަކު ދައުލަތުގެ މުއައްސަސާތަކުގެ ބާރުތައް "ކޮކްޓެއިލަކަށް" ހަދައިގެން އެއްތަނަކަށް އަޅައިގެން ނޫޅުއްވާ ކަމަށެވެ.

"މީގެ ކުރީގައިވެސް ރައީސުން ތިއްބެވި. ރައީސް، މަޢުމޫން، ނަޝީދު އަދި ޔާމީންވެސް ވެރިކަމުގައި ކޮމިޝަންތައް އުފެއްދެވި. ނަމަވެސް ޤާނޫނެއް ހަދައިގެން، ޤާނޫނު އަސާސީން މެންޑޭޓް ދެވިފައިހުރި ދައުލަތުގެ މުއައްސަސާތަކުގެ ބާރުތައް "ކޮކްޓެއިލަކަށް" ހަދައިގެން އެއްތަނަކަށް އަޅައިގެން، އެ ނަންގަވާ ރައީސުލްޖުމްހޫރިއްޔާ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ނަގާ ކޮމެޓީއަކަށް ދޭކަށް އެއްގޮތަކަށްވެސް އެބޭފުޅުންނެއް ނޫޅުއްވާ." ގާސިމް ވިދާޅުވިއެވެ.

ރައީސް ޞާލިހް އުފެއްދެވި ދެ ރިޔާސީ ކޮމިޝަނަކަށް ޤާނޫނީ ބާރުތައް ދިނުމުގެ ބިލް އޮތީ މަޖިލީހުގައި "ތާށިވެފައެވެ." ބިލް ފާސްކުރަން އެތައް ދުވަހަކު އެޖެންޑާކޮށްގެން ވެސް ވޯޓަށް އެހުމުގެ ކަންކަން ކުރިއަށް ނުގެންދެވިފައި ވަނިކޮށް މިހާރު ވަނީ ބިލް އަލުން އަނބުރާ ކޮމެޓީ އަށް ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މި ގާސިމް

    މި ގާސިމް ކަންތައް ހާދަ ބޮޑުވެއްޖެ. މީނަ އަށް ރަނގަޅު އެއް ސަރުކާރެއް ވެސް ނެތް. މި ދެން އަޖައިބަކަށް ވެއްޖެއްނު.

    4
    11
  2. ސޭޓު

    ސޭޓުތީ ގަަައުމުގެ ހަލާކު..

    5
    9
  3. ނަރީމާ

    އެބަ ރަގަޅުވޭ! އެބަ ފެޅޭ! އެބަ ބަލިވޭ! ދެން ފެންނާނީ ވަގުސަރުކާރު ނެތްތަން އިންޝާއަﷲ!

  4. ސަޒަން

    މިބައިގަނޑައް ހީވާނީ އަބަދުވެސް ހަމަ އެހެން ސަބަބަކީ މިއީމިމީހުން އުޅޭގޮތައްވުން މިނާއެބަބުނޭ ލާރިއޮއްސީމައޭ މިމީހުން ނުހޮވުނީ .... އަހަރެމެންއެންމެންނައްވެސް ފެނިގެން ދިޔައީ 2013 ގައިވެސް ޓީވީތަކާ އެބުނާ ފައިސާ މީނާ ފައިސާބެހިކަމަށް އެނެމެންވެސް ގަބޫލްކުރޭ މީނާގެ އަތުގައި ޖުޑިޝަރިވެސް އޮންނަންޖެހޭނީ އެއްވެސް ޓެކްހެއްވެސް މީނާދޭކަށް ނުޖެހޭނެ، އިރުއިރުކޮޅުން މީނާއަށް އަބަދުވެސް ކޮންމެވެސް ލޯނަކަށް ގެރެންޓިވެސް ދޭންޖެހޭ މީމިމީހުންގެ ހާލަތަކީ