ކުރިއަށް އޮތްތަނުގައި މި ސަރުކާރު ވައްޓާލާން މަސައްކަތް ކުރާނީ އެމް.ޑީ.ޕީން ކަމަށް، ޕީ.އެން.ސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަހީމް މިހެން ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައި، ވާހަކަފުޅު ދައްކަވަމުންނެވެ.

"ބަޣާވާތާއި އެބޭފުޅުންނާއި ވަރަށް ރައްޓެހިވާނެ. އެއީ އެވާހަކަ ދައްކާ ކަމަކީ. މިހާރު މި އޮތީ ބަޣާވާތް ހަމަވެފަ. އެއީ ސިއްކަ އާއި ކެނެރީ އާ އެކުވީމަ، ދެން މި ޤައުމުގަ ބަޣާވާތް ކުރާކަށް އިތުރު މީހުންނެއް ބޭނުމެއް ނުވާނެ. ބައްލަވާ ދިވެހި ރާއްޖޭގެ ތާޜީޚް. 1890 ން ފެށިގެން މިއަދާއި ހަމައަށް ހިންގާފައިވާ ހުރިހާ ބަޣާވާތެއްގެ އަޑީގަ ތިބޭނީ ސިއްކަ އާއި ކެރެފާ އާއިލާގެ މީހުން." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، 2012 ވަނަ އަހަރުވެސް ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވީ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަން ވައްޓާލަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށެވެ.

"އައްނިގެ ސަރުކާރު ވައްޓާލީ ކޮންބައެއްތޯ. އައްނި އަމިއްލަ އަށް ނޫންތޯ ވައްޓާލީ. އަޅުގަނޑުމެންނެއް ނޫނޭ ވައްޓާނީ. އެމަނިކުފާނަށް ވާނުވާ ނޭނގި ނިކުމެ ހެނދުނު ދަޅައިގަ ދުވެ ރައްކާވީ. އަޅުގަނޑުމެން ކީއްތޯ ކުރީ ސަރުކާރު ވައްޓާލަން. އަޅުގަނޑުމެން ކުރި ކަމަކީ ޢަބްދުﷲ ޤާޟީ ވަގަށް ނަގައިގެން ގެންދިޔައީމަ އެކަމާއި ދެކޮޅަށް ނިކުމެ އަޑު އުފުލީ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޢަބްދުއްރަޙީމް ވިދާޅުވީ، މި ޤައުމު ސަލާމަތް ކުރުމަށް ބޭނުންވާ ހުރިހާ ރައްޔިތުންވެސް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމް.ޑީ.ޕީ އާއި ދެކޮޅަށް ވޯޓު ދޭންޖެހޭ ކަމަށެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ޕްރޮގްރެސިވް ކޯލިޝަނާއި ޖޭ.ޕީ އާއި ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމާފައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އެމަންޖެ

    ކަށަވަރު

    16
  2. އހ

    އަދުރޭ.. ޙަބަރުދާރު.. ބަޢާވާތެއްކުރަން ހިތަށްވެސް ނާރުވާތި! ތިގޮތަށް އުޅެންޔާ މިފަހަރު ރީތި ފޮޅިއެއް ފިހެލަދޭނަން..

    3
    22
  3. ޙިރި

    ޔާމީނު ހައްޔަރުގަ ހުރުމުން ވަރައް ބޮޑައްއުފާވޭ

  4. ކޮރަކަލި

    އަދުރޭ ކޮންމެގޮތަކައް ހިސާބު ޖެހިޔަސް ތިކަންވާނޭ ތިހެން

    3
    2
  5. ހައްގުބަސް

    އެންމެނަށް ވެސް އިނގޭ ކަމެއް ކެރަފާ އާއިލާއިންކަން ބަޣާވާތް ކުރަނީ. 3 ނޮވެމބަރުގަ ކެރަފާ އާއިލާ އާ ސިއްކަ އާއިލާ އަޑީގަ ތިބެގެން ބަޣާވާތް ކޮށްފަ އެތައް ދިވެހިން މަރާލިކަން ނޭންގޭ މީހަކު މަދުވާނެ

  6. އަދޫ

    ކޮން ވައްޓާލުމެކޭ ކިޔާކަށް، ކަލޭމެން ބޭނުންހާ ގޮތަކަށް ނޫން ޤައުމު ހިނގާނީކީ، އަދި ވެސް ކެވުނުވަރު މަދުވެގެން ދޯ ތިއުޅެނީ.. ތިކުރާ ކަންތައްތަކުން އިތުރަށް ވާނީ ބޭޒާރު، އެދުވަހަކު ތާއީދު ކުރާނެ ރައްޔިތުންނެއްވެސް ނުތިބޭނެ، ހަމަޖެހިލައިގެން ތިބޭ ދެންވެސް.