ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ ގޮތުގައި ތިބެވޭނީ ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާ އަކުން ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމަށް ކަނޑައަޅާ ނޫސް މަޖައްލާތަކުގެ އެޑިޓަރުން އަލުން ރަޖިސްޓްރީ ކުރަން ދިން މުއްދަތު އިތުރު ކޮށްފިއެވެ.

ހޯމް މިނިސްޓްރީ އިން ކުރެއްވި އިއުލާނެއްގައި ވިދާޅުވީ "ނޫސްމަޖައްލާ ފަދަ ތަކެތީގެ ޤާނޫނު" ގެ 1 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" އިޞްލާޙްކުރެވިފައިވާތީ މިގަވާޢިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ ޝަރުޠެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން މިހާރު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ނޫސްމަޖައްލާ އެޑިޓަރުންގެ ގެތެރެއިން "ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިދު" ގެ 10 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠުތައް ހަމަނުވާ އެޑިޓަރުން، އެމާއްދާގައި ބުނާ ޝަރުޠުތައް ހަމަވާ އެޑިޓަރުންނަށް ބަދަލުކުރުމަށް 25 މާރިޗް 2018 އަށް މުއްދަތުވަނީ އިތުރުކުރެވިފައި ކަމަށް އިއުލާނުގައި ވެއެވެ.

ޑިގްރީ ފެންވަރުގެ އެޑިޓަރުން އައްޔަން ކުރަން ހޯމް މިނިސްޓްރީ އިން އަންގާފައި ވާއިރު އެފެންވަރުގެ އެޑިޓަރުން ނޫސްތަކުގައި މަސައްކަތް ނުކުރާ ކަމުގެ ޝަކުވާ ބައެއް މީޑިއާތަކުން ވަނީ ކޮށްފައެވެ.