ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށުގައި ނުވަތަ ފަޅުފަޅުގައި ޢިމާރާތް ކުރަންވީ ގޮތް ކަނޑައެޅުމަށްޓަކައި ޢިމާރާތްކުރުމުގެ ޤާނޫނުގެ 95 މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރުގެ ދަށުން އެކުލަވައިލައިފައިވާ ޤަވައިދު ގެޒެޓް ކޮށްފިއެވެ.

މިޤަވައިދައިދަކީ ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތްކުރެވޭ އުސްމިން ކަނޑައެޅުމުގައި ގެންގުޅޭނެ މިންގަނޑުތައް ކަނޑައެޅުމުގެ ޤަވައިދެކެވެ. ޤަވައިދު މިހާރު ގެޒެޓް ކޮށްފައި ވީނަަމަވެސް ޤަވައިދަށް އަމަލު ކުރަން ފަށާނީ ދެމަސް ދުވަސް ފަހުންނެވެ.

ޤަވައިދުގައި ބުނެފައިވާ ގޮތުގައި މިޤަވައިދުގެ މަޤުޞަދަކީ ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި ޢިމާރާތްތަކަކީ ރައްކައުތެރި، ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިކޮށްދޭގޮތަށް ފަރުމާކޮށްފައިވާ ޢިމާރާތްތަކަކަށް ހެދުމާއި މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ޚިލާފުވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކުރުމާއި، ފިޔަވަޅުއަޅާނެ ފަރާތްތައް ކަނޑައަޅައި ބަޔާންކުރުމެވެ.

ޤަވައިދުގައި ބުނެފައިވާ ގޮތުގައި މީހުން ދިރިއުޅުމަށް ދޫކޮށްފައިވާ ބިމުގައި ހަދާ ޢިމާރާތް ފިޔަވައި، މި ޤަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް އަދި މި ޤަވައިދުގައި ބަޔާންކޮށްފައިވާ ތަންތަނުގައި ކުރެވޭ ޢިމާރާތް ފަރުމާކުރަންވާނީ މިނިސްޓްރީން ޑިވެލޮޕްމަންޓް ކޮންޓްރޯލް ހޯދުމަށްފަހު، އެ ކަނޑައަޅާ ޑިވެލޮޕްމަންޓް ކޮންޓްރޯލާ އެއްގޮތަށެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ ޢިމާރާތުގެ ފުޓްޕްރިންޓް 1200 އަކަފޫޓު ހުންނަ ނަމަ، ނުވަތަ އެއަށްވުރެ ބޮޑުނަމަ އިމާރާތުގެ ފުޓްޕްރިންޓުގެ %10) ހިޔާނުކޮށް ހުސްޖާގައެއްގެ ގޮތުގައި ދޫކުރަންވާނެ ކަމަށް މިޤަވައިދު ބުނެއެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގެ ނުވަތަ ބިމުގެ މަގާ ގުޅޭ އިމުގައި ހުންނަ ދޮރާއި ޢިމާރާތުގައި ހުންނަ ކުޑަދޮރާއި ފެންލައިޓުގެ ދޮރުފަތް އިމުން ބޭރަށް މަގަށް ހުޅުވޭނެ ގޮތް ވެސް ޤަވައިދުގައި ވަނީ ބަޔާން ކޮށްފައެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ އިމާރާތެއް ހެދުމަށްޓަކައި ޢިމާރާތް ޑިޒައިންކުރަންވާނީ ބިލްޑިންގ ކޯޑުގެ މިކަމާ ގުޅޭ ކޮމްޕްލައިންސް ޑޮކިއުމަންޓް ޝާއިޢުކޮށް ތަންފީޛުކުރަންދެން މި މިޤަވައިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޢިމާރާތުގެ ބައިތަކަށް ވަޔާއި އަލިކަން ފޯރާގޮތަށް ކަމަށް ވެސް ޤަވައިދުގައި ވެއެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ ޢިމާރާތުގައި ރެއިލިންގ (ޗެންޗޭނު) އާއި ކުޑަދޮރުގައި ހުންނަންވާނެ މިންގަނޑު ވެސް ޤަވައިދުގައި ބަޔާން ކޮށްދީފައި ވެއެވެ.

ޢިމާރާތުގެ ފުޓްޕްރިންޓް 1200 އަކަފޫޓަށް ވުރެ ބޮޑުނަމަ، އަދި ޢިމާރާތް 5ފަސް ބުރިއަށްވުރެ އުސްނަމަ، ޢިމާރާތުގެ ފުޓްޕްރިންޓުގެ %10 ޕާރކިންގއަށް ކަނޑައެޅިފައި އޮންނަންވާނެ ކަމަށް ވެސް ޤަވައިދުގައި ބުނެފައި ވެއެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ހަދާ ޢިމާރާތުގެ ފުޓްޕްރިންޓް 1000 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑުނަމަ، ކުނި ބަހައްޓާ ޖާގައިގެ ގޮތުގައި މަދުވެގެން އިމާރާތުގެ ފުޓް ޕްރިންޓްގެ %5.1 ޢިމާރާތުގައި ކަނޑައެޅިފައި ހުންނަންވާނެ ކަމަށް ޤަވައިދު ބުނެއެވެ.

ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ހަދަން ޖެހޭ ގިނަ ޤަވައިދުތައް އަދިވެސް ވަނީ ގެޒެޓް ނުކުރެވިއެވެ. އެޤާނޫނުގެ ދަށުން ޤަވައިދުތައް ހަދަން ޖެހޭ މުއްދަތު ފަހަނައަޅައިދިޔަތާ މިހާރު މަސްތަކެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒިޔާޕު

    އިމުން ބޭރަށް އިންޗިއެއްވެސް ނެރެން ހުއްދަ ދޭކަށް ނުފެނޭ. ކިތަންމެ އުސްކޮށް ހެދިޔަސް މަގުމަށްޗަށް ބެލްކަނީ ނެރެވިގެން ނުވާނެ. ނެރޭނަމަ އިމާރާތް ކުރުމުގައި މަގު ހިނގާ މީހުނަށް ގެއްލުންވާނެ

    5
    1