އެމްޓީސީސީން ދެމުން ގެންދާ ފެރީގެ ހިދުމަތްތާއި، ބަހުގެ ހިދުމަތް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެއްވެސް އަގަކާ ނުލައި ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެމްޓީސީސީގެ ފެރީ ގިމަތައާއި ފެރީތަކާއި ހުޅުމާލޭގައި ދުއްވާ ބަސްތައްވެސް ފަރުމާކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، އަދި ހާއްސަކޮށް ފިޒިކަލް ޑިސޭބިލިޓީ ހުންނަ ފަރާތްތަކަށް އަރާ ފޭބުމަށް ފަސޭހަވާނެވާނެ ގޮތަށެވެ.

އެކަން ހާމަކޮށް މިއަދު އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުން، އެ އޭޖެންސީން ފޯރުކޮށްދޭ ހާއްސަ ކާޑު ދެއްކުމުން އެމްޓީސީސީގެ ދަތުރުފަތުރުގެ ހިދުމަތް ހިލޭ ލިބޭނެ ކަމަށެވެ.

އެމްޓީސީސީން ބުނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައްް ބާރުވެރިކޮށް އެފަރާތްތަކަށް މުޖުތަމައު ތެރޭގައި ފުރުސަތުތައް ފަހިކޮށްދިނުމަކީ މިކުންފުނިން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ދާއިރާއިން ގައުމީ އިނާމުވެސް މި ކުންފުނިން ވަނީ 2016 ވަނަ އަހަރު ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެހީތެރިޔާ

    ޚާއްޞަ އެހީ އަށް ބޭނުންވާ މީހާ ގޮވައިގެން ދަތުރު ކުރާ ކޮންމެސް 1 އެހީތެރިއެއްގެ ޓިކެޓުވެސް ހިލޭ ކޮށްދެއްވުމަށް އެދި ތިޔަ ކުންފުންޏަށް އާދޭހާއި އެކު އިލްތިމާސް ކުރަން.