ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުން ފްލެޓްތައް އާއިލީ މީހުންނަށް ފްލެޓް ލިބުނީ ނުފޫޒު ފޯރުވައިގެން ނޫން ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ޔަޒީދުގެ އާއިލާގެ 10 މީހަކު ހިމެނޭ އިރު، ބޯހިޔާވަހިކަމުގެ ހައްގާއި ދިރިއުޅުމުގެ ހައްގު އާއިލާއަށް ލިބެން ނުޖެހޭތޯ ސުވާލު ކުރައްވައި އޭނާ ވިދާޅުވީ އައިލާގެ އެންމެނަށް ލިބުނީ ހައްގު ފްލެޓްތަކެއް ކަމަށެވެ.

އެންމެ ގިނަ އަދަދަކަށް ފްލެޓު ލިބުނީ ޔަޒީދުގެ އާއިލާގެ މެމްބަރުންގެ ތެރެއިން ގއ. ވިލިނގިލި ވައިޖެހޭގޭގައި ރަޖިސްޓަރީކޮށްފައި ތިބި މީހުންނަށެވެ.

ފްލެޓް ލިބުނު މީހުންގެ ތެރޭގައި ޔަޒީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރު ޔަޒްމީދު މުހައްމަދު ވެސް ހިމެނެއެވެ. އޭނާއަށް ފްލެޓް ލިބުނީ ގުޅީ ފަޅުންނެވެ. ޔަޒްމީދުގެ އިތުރުން އޭނާގެ އަނބިކަނބަލުން ނަމްޝާ ނާސިރަށް ހިޔާ މަޝްރޫއުގެ ދަށުން ދޫކުރި ފްލެޓުތަކުގެ ތެރެއިން ފްލެޓެއް ވެސް ވަނީ ލިބިވަޑައިގެންފައެވެ.

ޔަޒްމީދަށް ގުޅީ ފަޅުން ފްލެޓު ލިބިވަޑައިގެންނެވި އިރު، އޭނާގެ އެޕާޓްމަންޓެއް އަމީން އެވެނިއުގައި ހުރެ އެވެ. ޔަޒީދުގެ އާއިލާގެ މީހުންގެ ތެރެއިން ދެން ފްލެޓް ލިބުނު މީހުންގެ ތެރޭގައި އޭނާގެ އެއްބަނޑުއެއްބަފާ ދެ ދައްތަ އިން ކަމަށްވާ ޔަޒީދާ މުހައްމަދާއި ޝަޒިއްޔާ މުހައްމަދު ހިމެނެ އެވެ.

މީގެ އިތުރުން ޔަޒީދުގެ އެއްބަނޑު އެއްބަފާ ދެ ކޮއްކޮ ޔަޒްނާ މުހައްމަދަށާއި މަޒީދު މުހައްމަދަށް ވެސް ވަނީ ފްލެޓު ލިބިފަ އެވެ. ޔަޒީދުގެ އެއްބަނޑު އެއްބަފާ ކޮއްކޮއިންނާއި ދައްތައިންގެ އިތުރުން އާއިލާގެ އިތުރު ބަޔަކަށް ވެސް ފްލެޓު ލިބިފައި ވެ އެވެ.

" މީސް މީޑިއާގައި ނުފޫޒު ބޭނުންކުރައްވައިގެން ފްލެޓު ހޯދައި ދިން ކަމަށް ބުނެ ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން އާއިލާގެ މީހުންނަށް ނަފްސާނީ ގޮތުން ބޮޑު ގެއްލުމެއް ވަނީ ލިބިފައި " ޔަޒީދު ވިދާޅުވިއެވެ.

ހަގީގަތް ނޭނގި ދޮގު މައުލޫމާތު ނުފަތުރަން އެދި ޔަޒީދު ވިދާޅުވި އެއްވެސް ގޮތަކަށް ނުފޫޒެއް ބޭނުން ކުރައްވައިގެން ފްލެޓު ހޯދަން އޭނާ މަސައްކަތް ކުރެއްވި ނަމަ، އާއިލާގެ މެމްބަރުން ލިސްޓްގައި ނުތިބޭނެ ކަމަށެވެ.

"އޭގެ ބަދަލުގައި އެމީހުން ތިބޭނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ދޫކުރި ފްލެޓުތަކުގައި ވަޒަންވެރިވެފައި " ޔަޒީދު ވިދާޅުވި އެވެ.

"ހިޔާ މަޝްރޫއު" އާއި "ގެދޮރުވެރިކުރުމުގެ މަޝްރޫއު" އަދި "ގުޅީފަޅު ހައުސިން ޕްރޮޖެކްޓް" ގެ ފްލެޓްތައް ލިބުނު މީހުންގެ މައުލޫމާތު މިހާރުވަނީ ނަންވެސް އެގޭގޮތަށް އާންމު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަހީދު

    ބޮޑުވަޒީފާއެއްގައި ބާރުވެރިފަރާތެއް ނެތް ނިކަމެތި ޢާއިލާއެއްގެ 10 މީހަކަށް ތިފްލެޓް ލިބުނުނަމަ ހާދަ ރަންގަޅެވެ.

  2. ނާސިރު

    އަސްލު ފްލެޓް ދޭން ކަނޑައަޅަފައިވާ ގޮތް މައްސަލަ އަކީ...އާއިލާގަ އެއްވެސް މީހަކު ބޮޑު ވަޒީފާއެއްގައިވާނަމަ ދެންތިބޭ މީހުންނަށް ނުލިބޭނެ ކަން އިއުލާންކޮށްފަ ފޯމުގަ އެވާހަކަ ވެސް ޖަހާފަ އޮތްނަމަ އެފަދަ އާއިލާތަކުން އެޕްލައިނުކުރާނެތާ.. ހުރިހާ ޝަރުތެއް ފުރިހަމަވެގެން ލިބުނީމާ ގުނބޯ ގުނބޯ ގޮވަނީ ދެން ކީއްކުރަން

  3. ޝަރޫ

    ‎ޢޭސީސީގެ ނާއިބް ރައީސް މުއައްވިޒް ރަޝީދު ވެސް ވަނީ 704 ފްލެޓްގެ ތެރެއިން އޭނާގެ އަންހެނުން (ޝަރުމާ އަބްދުއްސަމަދު، މުރިނގު/ރ.އަލިފުށި، ފޯމު ނަންބަރު ސީ2-07901، ލިސްޓުގެ 153 ގައި) އަދި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ (މުއާޒް ރަޝީދު، ގަޒީރާ/ގދ.ތިނަދޫ، ފޯމު ނަންބަރު ސީ2-06105، ލިސްޓްގެ 125 ގައި) އަށް ފްލެޓް ނުފޫޒުން ހޯދާފައި. މީގެ އިތުރުން، މިފަހަރު ދޫކުރި ފްލެޓްތަކުންވެސް އޭނާގެ އާއިލާގެ ވަރަށް ގިނަ މީހުންނަށް ވަނީ ނުފޫޒުން ފްލެޓް ހޯދާދީފައި.

  4. ދެރަވަރު

    ‎އޭސީސީގެ ނާއިބްރައީސް މުއައްވިޒް ރަޝީދުގެ އިތުރުން އޭސީސީގެ މެމްބަރ ސަފްވަތު މުހައްމަދު (ސަދަންވިލާ/ގދ.ވާދޫ) ވެސް ވަނީ 704 ފުލެޓްގެ ތެރެއިން ނުފޫޒުން ފުލެޓް ހޯދާފައި. ފޯމު ނަންބަރ: ސީ2-05781، ލިސްޓުގެ 118 ގައި. އަދި މިފަހަރު ދޫކުރި ފުލެޓްތަކުންވެސް ސަފްވަތު މުހައްމަދު ވަނީ އޭނާގެ އަނބިންނާއި އާއިލާގެ އެއްމެނަށް ނުފޫޒުން ފުލެޓް ހޯދާދީފައި. ނޫސްވެރިން އެބަޖެހޭ ދިރާސާކޮށްފަ މިކަހަލަ ނުފޫޒް ގަދަ މީހުންގެ ފުލެޓް ލިސްޓް ހަދާފަ ހާމަކުރަން.

  5. ޝަރޫ

    ‎އޭސީސީގެ ނާއިބްރައީސް މުއައްވިޒް ރަޝީދުގެ އަގުބޮޑު ލަގްޒަރީ އެޕާރޓްމެންޓެއްވެސް އަމީން އެވެެނިއުގަ ހުރޭ. މުއައްވިޒް ރަޝީދު ދިރިއުޅެނީވެސް އެ އެޕާރޓްމެންޓުގައި. އަމީން އެވެނިއުގެ ބީ ބުލޮކުގެ 11 ވަނަ ބުރީގައި.