ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުޞޫލުގެ ދަށުން ގަރާޖު ނެތް ތަންތަނަށް ދެމުން ގެންދިޔަ ހުއްދަ މަޑުޖައްސާލުމަށްފަހު، އެއުޞޫލު މުރާޖަޢާކޮށް އެޗްޑީސީގެ ވެބްސައިޓްގައި އާންމުކޮށްފިއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި އެއްވެސް އުޅަނދެއް ހުޅުމާލެއަށް ގެންދިއުމުގެ ކުރިން އެއުޅަނދެއް ހުޅުމާލެއަށް ގެންދިއުމުގެ ހުއްދައެއް އެޗްޑީސީން ހޯދަން ޖެހޭނެއެވެ.

މިހާރު ގެނެސްފައިވާ ބަދަލު ބުނާ ގޮތުން ހުޅުމާލޭގެ ގޯތި، ރޯހައުސް އަދި ފްލެޓަކަށް އުޅަނދެއް ރަޖިސްޓަރީ ކުރެވޭނީ، އެތަނެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތުގެ އަނބި/ފިރި/ދަރިން/މަންމަ/ބައްޕަގެ ނަންމަތީގައި އެކަންޏެވެ.

ވެހިކަލެއް ހުޅުމާލެއަށް ގެންދެވޭނީ އުޅަނދު ގެންނަން ބޭނުންވާ ގޯތި ނުވަތަ ރޯހައުސްގެ ކުރެހުން ފާސްކޮށް ގަރާޖު ހެދިފައިވާ ބައި އިމާރާތް ކުރެވި އިމާރާތް ބޭނުން ކުރުމުގެ ހުއްދަ އެޗްޑީސީން ނެގުމަށް ފަހު އެވެ.

މިއުޞޫލުގެ ދަށުން ހުޅުމާލޭގެ ގޯތި، ފްލެޓް އަދި ރޯހައުސްތަކަށް ގެންނަ އުޅަނދު ހުޅުމާލެއަށް އެތެރެކޮށް ރަޖިސްޓަރީކުރުމުގެ ހުއްދައަށް އެދި ހުށަހަޅުއްވަން ޖެހޭނީ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ޕޯޓަލްއަށް ލޮގް އިން ވުމުން "ހުޅުމާލެއަށް އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ އުޞޫލު" އަދި "ހުޅުމާލެއަށް އެއްގަމު އުޅަނދުފަހަރު ގެނެސް، ގެންދިއުމާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު" ފެންނަން ހުންނާނެއެވެ. ހުއްދައަށް އެދިލައްވާ ފަރާތްތަކަށް ފޯމު ފުރުއްވުމަށްފަހު ހުށަހަޅުއްވަންޖެހޭ ލިޔެކިޔުންތަކާއެކު ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހެޅުއްވޭނެއެވެ.

އަދި 13 މާރިޗު 2019 ވާ ބުދަ ދުވަހުގެ 8:00 އިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދި ހުށަހެޅުއްވޭނެކަން އާންމުކޮށް އަންގާ އިޢުލާން ކުރާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.