ފުލުހުންގެ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯސް ފުރިހަމަ ކުރި ފުލުހުން ދަސްވެނިވެއްޖެއެވެ.

ފުލުހުންގެ ތެރެއިން އަލަށް ކޮމިޝަންޑުވާ އޮފިސަރުންނަށް އަމާޒުކޮށްގެން މުޅިން އަލަށް ކުރިއަށްގެންދިޔަ މިކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވަނީ އިސްލާމީމަރުކަޒު މައިދާނުގައެވެ. މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމެވެ.

މިރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހޯމްއެފެއާޒް އައްޝެއިޚް އިމްރާން ޢަބްދުﷲއާއި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި، ފުލުހުންގެ އިސް އޮފިސަރުންނާއި، ކޮމިޝަންޑް އޮފިސަރުން ބައިވެރިވެފައިވެއެވެ. އަދި ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ މުދައްރިބުންނާއި ބައިވެރިންނާއި އެބައިވެރިންގެ އާއިލާ މެންބަރުން ބައިވެރިވެފައިވެއެވެ.

މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން 10 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ޖޫނިއަރ އޮފިސަރސް ކޮމާންޑު ކޯހުގެ ބައިވެރިންގެ ތެރެއިން މުޅި ކޯހުން އެއްވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާއިޝަތު ނިޝާ ޢަބްދުﷲ މުފީދެވެ. ކޯހުން ދެވަނަ އަށް ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙުމަދު ނާއިފު ހޮވިފައިވާއިރު ކޯހުން ތިންވަނަ އަށް ހޮވިފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އިސްމާއީލެވެ.

މިކޯހުގައި ކުރިއަށް ގެންދިޔަ އިންޑޯ ކްލާސްތަކުން އެއްވަނަ އަށް ހޮވިފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙުމަދު ނާއިފެވެ. އަދި ދެވަނަ އަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާއިޝަތު ނިޝާ ޢަބްދުﷲ މުފީދު ހޮވިފައިވާއިރު ތިންވަނަ އަށް ހޮވިފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ މުޙައްމަދު އިސްމާއީލެވެ

މީގެއިތުރުން މިކޯހުގައި ކުރިއަށް ގެންދިޔަ އައުޓްޑޯ ކްލާސްތަކުން އެއްވަނަ އަށް ހޮވިފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިއުތިމާދް އަޙްމަދު ސައީދެވެ. ދެވަނަ އަށް ހޮވިފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ޢަލީ މަޢުރޫފެވެ. އަދި ތިންވަނަ އަށް ހޮވިފައިވަނީ ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ހަސަން ރިޔާޒެވެ.

ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ މިޑްލް މެނޭޖްމަންޓް ލެވަލްގައި މަސައްކަތްކުރާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އަދި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ރޭންކުގެ ފުލުހުންނަށް އަމާޒުކޮށްގެން ފުލުހުންގެ މުއައްސަސާއިން ފަރުމާކޮށް މުޅިން އަލަށް ކުރިއަށް ގެންދިޔަ ކޯހެކެވެ. މީގެއިތުރުން މިކޯސް ކުރިއަށް ގެންދިޔައީ ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ދަށުގެ ރޭންކުތަކުގެ އޮފިސަރުންގެ ތެރެއިން އޮފިސަރ ލެވަލްގެ ކޯހެއް ފުރިހަމަ ނުކުރާ އޮފިސަރުންވެސް ފުރުޞަތު ހުޅުވާލައިގެންނެވެ.

ކޮމިޝަންޑް އޮފިސަރުންގެ ކިބައިގައި ހުންނަންޖެހޭ އެންމެހާ ސިފަތަކާއި ހުނަރުތަކާއި ޢިލްމީ ޤާބިލްކަން އިތުރުކޮށް، ޢަމަލީ މައިދާނުގައި ފަންވަރުހުރި ހަރުދަނާ ލީޑަރުންތަކެއް އުފެއްދުމުގެ ގޮތުން ޕޮލިސް އެކަޑަމީން ކުރިއަށް ގެންދިޔަ މިކޯހުގައި، މަސައްކަތުގެ މާހައުލުގައި ދިމާވާ އެންމެހާ ކަންކަމާ ކުރިމަތިލުމަށް ބޭނުންވާ ހުނަރާއި އުކުޅުތަކާއި ބޭނުންވާ ޢިލްމު ދަސްކޮށްދިނުމަށް އިންޑޯ ކްލާސްތަކާއި އައުޓްޑޯ ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ފަސް މަސްދުވަހު ކެމްޕަސް ކްލާސްތަކަކާއި އަދި ފަސް މަސް ދުވަހުގެ ފީލްޑް ޓްރެއިނިންގ ކްލާސްތަކަކާއެކު އެކި ދާއިރާތަކުން ޖުމްލަ 11 މޮޑިއުލެއް ކިޔަވައިދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު