ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.

ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި، ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި އަބްދުﷲ ރިޔާޒް ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލު ކުރިކަން ހާމަކޮށްފައި ވަނީ އޭނާ ނިސްބަތްވާ ޖުމްްހޫރީ ޕާޓީއިންނެވެ. ރިޔާޒް ހައްޔަރު ކުރީ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މި މަހުގެ ދެވަނަ ދުވަހުއެވެ.

ރިޔާޒްގެ ގާނޫނީ ވަކީލުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒް ޤާނޫނަކީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުން ސަސްޕެންޑްކޮށްފައި ނުވާ ޤާނޫނަކަށް ވެފައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަންދުކުރުމަށް އެޤާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއާތަށް، އޭނާ ހައްޔަރުކުރުމުގައި އަމަލުކޮށްފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ރިޔާޒްގެ ވަކީލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓަރުން އެދިފައިވަނީ ކްރިމިނަލް ކޯޓަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ. އެހެން ކަމުން އެކަމުގައި ބައިވެރިވި ފުލުހުންނާއި ޕްރޮސެކިއުޓަރުންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ކަމާ ބެހޭ ހުރިހާ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ވަނީ ބުނެފައެވެ.

ރިޔާޒް ހައްޔަރު ކުރި ދުވަހު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުވެސް ހައްޔަރު ކުރި އިރު އޭނާ ޖެހިގެން އައި ދުވަހު ދޫކޮށްލާފައިވާކަން ފާހަގަ ކޮށްލެވެއެވެ.