މޯލްޑިވްސް ގޭސްގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުންނަށް ވިހެއުމުންދޭ ޗުއްޓީ ހަމަަހަށް އިތުރުކޮށްފިއެވެ.

މޯލްޑިވްސް ގޭސް އިން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ވިހެއުމުން އަންހެން މީހާއަށް ދޭ ޗުއްޓީ ހަމަހަށް އިތުރުކޮށްފައިވާ އިރު، ފިރިމީހާއަށް އެއްމަސް ދުވަހުގެ ޕެޓާނިޓީ ލީވް ލިބިގެންދާނެއެވެ.

ވިހެއުމުން ދޭ ޗުއްޓީ ހަމަހަށް ހެދިކަން ރައީސް އިއުލާން ކޮށްދެއްވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށާއި، ރެހެންދި އެވޯޑްދިނުމަށް މާފުށީގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ. އެ މަސައްކަތް ފަށްޓަވަނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކުގައި ކަމަށާއި، އެ ދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

"އަދި ސިވިލް ސާރވިސްގަ މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ. މީގެ އިތުރުން، 6 މަސް ނުވާ ދަރިން ތިބި ނަމަ، އެ ކުދިންގެ އުމުރުން ހަ މަސް ވަންދެން ސިވިލް ސާރވިސްގަ މަސައްކަތްކުރާ އެކުދިންގެ މައިންބަފައިންނަށް ވެސް މި ސިޔާސަތުގެ ދަށުން ޗުއްޓީ މިއަދުން ފެށިގެން ލިބޭނެ." ރައީސް ވިދާޅުވިއެވެ.