ފުލުހުން ތަހުހީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު ނަސީރު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ގަވަރުނަރު މިރޭގެ ވަގުތެއްގައި ފުލުހަށް ހާޒިރުވާން އަންގާފައިވާ އިރު، ހާޒިރުވާން ޖެހޭ ވަކި ގަޑިއެއް އެނގިފައެއް ނުވެއެވެ.

ނަސީރު ފުލުހަށް ހާޒިރުވުމަށް އަންގާފައި ވަނީ އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރާ ކަމަށް ބުނިތާ ހަފްތާއެއް ފަހުންނެވެ. ގަވަރުނަރު ނަސީރުގެ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފެވެ.

އަބްދުﷲ އަޝްރަފް ވަނީ ނަސީރުގެ މައްސަލަ ބަލައިދިނުމާށް އެމްއެމްއޭގެ ބޯޑާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވެސް އެދިވަޑައިގެންފައެވެ.

އަބްދުﷲ އަޝްރަފް މާލިއްޔަތު ކޮމެޓީގެ މުގައްރިރަށް ފޮނުވި ސިޓީގައި ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގާތްވެފައި ވަނިކޮށް "ހައި ޕްރޮފައިލް" ކޭސްތައް ރިޕޯޓުނުކޮށް މަޑުޖެއްސުމަށް ގަވަރުނަރު އޭނާއަށް އެންގެވި ކަމަށެވެ.

އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ ދެ މައްސަލައެއް އެފްއައިޔޫގެ ފަރާތުން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމުން ގަވަރުނަރު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ވާހަކަދެއްކެވިކަމަށްވެސް އަޝްރަފްގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

ނަސީރުގެ މައްސަލަ ފުލުހުން ބަލަން ފެށި ނަމަވެސް އެމައްސަލައިގައި އަދި އޭނާއާއި ސުވާލު ނުކުރާ ކަމަށް އެނގިފައިވެއެވެ.

ނަސީރު ގަވަރުނަރު ކަމަށް އައްޔަން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ރައީސް ޞާލިހް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން ނަސީރު ވަނީ ދެފަހަރެއްގެ މަތިން ރައީސް ޞާލިހާއި ބައްދަލު ކުރައްވާފައެވެ.