ތ.ގުރައިދޫ ދާއިރާ އޮތީ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް 5 އަހަރުގެ ދައުރުގައި ކެނޑިޑޭޓު ނަންބަރު 5 މުޙައްމަދު ޣައްސާނާއެކު ތަރައްޤީއާއި ތަމައްދުންގެ ގަދަ 5 އަހަރެއް ފެންނާނެކަމުގެ އުއްމީދުގައިކަމަށް ޣައްސާންގެ ތަރުޖަމާނު މުޙައްމަދު އަޙްސަން ވިދާޅުވެއްޖެއެވެ. އެނާ މިހެން ވިދާޅުވީ ވަގުތަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

އަޙްސަން ވިދާޅުވީ ތ.ގުރައިދޫ ދާއިރާގައި ހިމެނޭ ގުރައިދުއާއި ދިޔަމިގިއްޔާއި ގާދިފުށި ތަމްސީލުކުރައްވަން ރައްޔިތުންގެ ފަރާތުން މެންބަރުން އިންތިޚާބު ނުކުރާ ދައުރެއް ފާއިތުވެގެން ނުދާކަމަށާއި، އެކަން އެހެން އޮތުމާއެކުވެސް، ރައްޔިތުންގެ އަޑު މަޖިލީހުގައި އިވިގެން ނުދާކަމުގެ ޝަކުވާ ރައްޔިތުންގެ މެދުގައި އިންތިހާއަށް އެބައޮތްކަމަށެވެ. އަދި މިސަބަބު މިހެން އޮތުމާއެކު އެކަށީގެންވާ ހެޔޮ ބަދަލަކާ ދިމާއަށް ދާއިރާގެ މިސްރާބު ދީލައިލުމަށް ރައްޔިތުން އެދިއެދި ތިބިކަމަށެވެ.

ރޭ ގުރައިދޫގައި ބޭއްވި ބައްދަލުވުމެއްގައި ޣައްސާން ވާހަކަފުޅު ދައްކަވަނީ
ރޭ ގުރައިދޫގައި ބޭއްވި ބައްދަލުވުމެއްގައި ޣައްސާން ވާހަކަފުޅު ދައްކަވަނީ

"ރައްޔިތުންގެ މަޖިލީހުގެ އިންޚާބާގުޅިގެން މިހާތަނަށް މިކުރެވުނު މަސައްކަތްތަކަށް ބަލާލާއިރު ޣައްސާން ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އެދެއްވާ ޚާއްސަ ސަމާލުކަމާ، ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަތަކަށް އެދެއްވާ ތޫނު ކަންފަތްޕުޅާ، ރައްޔިތުންނާ މުޢާމަލާތް ކުރެއްވުމުގަ އެގެންގުޅުއްވާ ގާތްކަމާ އޯގާތެރިކަމަކީ މިދާއިރާއަށް މުޅިން އާ ކަންތައްތަކެއް. ފާހަކޮށްލަންބޭނުން މިކަންމިހެން މިވަނީ ސަބަބުތަކެއް ހުރީމަކަން. ޣައްސާން ވިދާޅުވަނީ، ދާއިރާގެ މެންބަރަކީ ރައްޔިތުންނަށް ދިމާވާ ހުރިހާ ކަމެއްގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭންވާނެ މީހެއްކަމަށް. އަޑުއަހާ ކަންފަތެއްގެގޮތުގައި، ދެކޭ ލޮލެއްގެ ގޮތުގައި އަދި އޯގާތެރި ހިތެއްގެ ގޮތުގައި ރައްޔިތުންނަށްޓަކާ މަސައްކަތްކުރާ މީހަކަށް އެމީހަކު ވާންޖެހޭކަމަށް. މިކަންތައްތައް ފާހަގަކޮށް ދާއިރާގެ ރައްޔިތުން މިހާރުވެސް ހިތްހަމަޖެހުން ފާޅުކުރަމުން އެބަގެންދޭ." އަޙްސަން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ދާއިރާގެ މެންބަރުކަމަށް ކުރިލައްވާ ބޭފުޅުންނަށް ދާއިރާގެ ހަގީގީ މައްސަލަތައް އެނގިވަޑައިގަންނަވަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް، ޣައްސާން އެކަންތައްތައް ހޯއްދެވުމަށް ކުރައްވާފަދަ މަސައްކަތްޕުޅެއް އެހެން ދިމާލަކުން ފެނިވަޑައިނުގަންނަވާކަމަށެވެ. ޣައްސާން ވަނީ ދާއިރާގެ މައްސަލަތައް ދެނެގަތުމަށްޓަކައި އެކަމަށް ބޭނުންވާ ޓެކްނިކަލް އެނާލިސިސްއެއް ހައްދަވާފައިކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދާއިރާގެ މައްސަލަކަށް ޣައްސާނަށްވުރެ ވަކިން އަހުލުވެރި ބޭފުޅެއް މިވަގުތު ނުހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މައްސަލައެއް ހައްލުކުރުމަށް އޮތް ފުރަތަ ފިޔަވަޅަކީ މައްސަލަ ދެނެގަތުން ނޫންތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ.

ޣައްސާން ދާއިރާގެ ރައްޔިތުންނާއި އެކު ގިނަ ވަގުތުތަކެއް ހޭދަކުރާކަން ގިނަ ބަޔަކު ފާހަގަ ކުރޭ
ޣައްސާން ދާއިރާގެ ރައްޔިތުންނާއި އެކު ގިނަ ވަގުތުތަކެއް ހޭދަކުރާކަން ގިނަ ބަޔަކު ފާހަގަ ކުރޭ

"ނިމިދިޔަ ތަރައްޤީގެ ފަސްއަހަރާއެކުވެސް ކީއްވެގެންތޯ އަދިވެސް މިދާއިރާ މިއޮތް ހާލަތުގައި އޮންނަންޖެހުނީ؟ ކީއްވެގެންތޯ އަޅުގަނޑުމެންގެ ފުދުންތެރިކަން އަޅުގަނޑުމެން އުއްމީދުކުރާހިސާބަށް ނައިސްއޮތީ؟ ކީއްވެގެންތޯ އަޅުގަނޑުމެންގެ ޖަމްޢިއްޔާ ޖަމާޢަތްތައް އަމިއްލައަށް ހިންގުމުގެ ޤާބިލުކަން އަދިވެސް ނުލިބިއޮތީ؟ ކީއްވެގެންތޯ އަޅުގަނޑުމެންގެ ތަރައްޤީގެ ކަންކަމުގައި ކުރިއަށްދެވޭނެ މަގު ފަހިނުވެއޮތީ؟، މީ ޣައްސާން އުފައްދަވާ ބައެއް ސުވާލުތައް. މިވާހަކަތައް މިގޮތަށް ދައްކަން ކެރޭ މާގިނަބަޔަކު ނޫޅޭ. ރައްޔިތުންނަށް މިއަދު ޔަޤީންކަން އެބައޮތް މިކަންކަން ޣައްސާނަށް މައްސަލަތަކެއްގެގޮތުގައި ފާހަގަކުރެއްވުނީތީ މިމައްސަތަކުގެ ޙައްލު ހޯއްދަވައިދެއްވުމަށް ޣައްސާން މަސައްކަތްޕުޅުކުރައްވާނެކަން" އަޙްސަންގެ ވާހަކައިގައި ވިދާޅުވިއެވެ.

ކޮޅުމަޑުލު ގުރައިދޫ ދާއިރާއަށް ޣައްސާން ގެ އިތުރުން ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، ޣައްސާން މިވަގުތުވެސް ގެންދަވަނީ ދާއިރާގެ ރަށްރަށަށްވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސުހައިލް

    އައްސާނު ވަރެއް ހަމަނެތް މިފަހަރު އައްސާނު

    54
    12
  2. އެދުރުބެ

    ޣައްސާން ވަރެއް ހަމަ ނެތް. ﷲ ެ ވާގިފުޅާއިއެކު ގުޜައިދޫ ދާއިރާއަށް ހަމަޖެހޭ ދައުރެއް.

    12
    6