ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ މުއްދަތަަށް ބަލާއިރު އިނގުރައިދޫ ދާއިރާއަކީ އެންމެ ކުރިއަރާފައިވާ އެއް ދާއިރާކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރ، އިބްރާޙިމް ފަލާޙު ވިދާޅުވެއްޖެއެވެ.

ފަލާޙު މިހެން ވިދާޅުވީ، ޕީ.އެސް.އެމް އިން މިއަދު ގެނެސްދިން، އިނގުރައިދޫ ދާއިރާގެ މަޖިލިސް ބަހުސް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިނގުރައިދޫ ދާއިރާ އަކީ މިއަދު އެންމެ ކުރިއަރާފައިވާ އެއް ދާއިރާ. އިނގުރައިދޫ ދާއިރާ އަކީ އަސާސީ ހުރިހާ ޚިދުމަތެއް، އެ ދާއިރާގެ ފަސް ރަށުން ލިބޭ ދާއިރާއެއް. މިހާރު އިނގުރައިދޫ ދާއިރާ ގެންދަންޖެހެނީ އައު ހަރުފަތަކަށް، ކުރަން ޖެހެނީ އައު މަސައްކަތްތަކެއް. ކުރަންޖެހެނީ އެންމެ ޒަމާނީ މަސައްކަތްތައް. އިނގުރައިދޫ ދާއިރާގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި، މިހާރު އިނގުރައިދޫ ދާއިރާގައި ނުުފުދި ހުރި ކަންކަން ފުއްދުމަށް އެންމެ ޤާބިލް މީހަކީ އަޅުގަނޑު." ފަލާޙު ވިދާޅުވިއެވެ.

މި ބަހުސްގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަލާޙު ވިދާޅުވީ، ދެވަނަ ދައުރަކަށް ފުރުޞަތު ލިބިއްޖެ ކަމަށްވާނަމަ، ދާއިރާގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް، ﷲ ގެ އިރާދަފުޅާއި އެކު ކޮށްދެއްވާނެ ކަމަށާއި، އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައި ކެނޑިޑޭޓު ނަމްބަރ ދެއަކަށް ވޯޓު ދެއްވުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑަށް ދެވަނަ ދައުރެއް ދޭންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި. ފަައިނުގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަކީ ބަނދަރު، ބަނދަރު އެ އޮތީ ހެދިފަ. އިނގުރައިދޫ ނަރުދަމާ ބަޖެޓުގަ ޖެހި، އެކަމުގެ މަސައްކަތް ފެށުމާއި ވަރަށް ގާތްވެފަ ވަނީ. އިނގުރައިދޫގަ އެ އޮތީ ޒަމާނީ ފެންވަރަށް ފަޅު ހެދިފަ. އިންނާމާދޫ ފަޅު ހެދިފަ. ރަސްމާދޫ ގެ ނަރުދަމާ ބާރު ސްޕީޑުގަ ކުރިއަށް ދަނީ. އަޅުގަނޑަކީ ނާތީޖާތަކެއް ނެރެދީފައިވާ މީހެއް." ފަލާޙު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާއަށް ފަލާޙު ވާދަކުރައްވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.