އަންނަ މަހު ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބަހައްޓާ ވޯޓް ފޮށީގެ އަދަދު 501 އަށް މަދުކޮށްފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 501 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފައިވާއިރު މީގެކުރިން އީސީން ނިންމާފައި ވަނީ 507 ވޯޓު ފޮއްޓެއް ބެހެއްޓުމަށެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުންގެ ރައީސް ޝަރީފު ވިދާޅުވީ ، ބޭރު ގައުމުތަކުގައި ވޯޓް ފޮށި ބަހައްޓަނީ 100 މީހުންނަށް ވުރެ ގިނަ މީހުން ވޯޓްލުމަށް ރެޖިސްޓްރީ ކޮށްފައިވާ ނަމައެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހަކަށް ލިބޭއިރު މަޖިލިސް އިންތިހާބުގައި ކޮންމެ ވޯޓު ފޮއްޓަކަށް ގިނަވެގެން ވޯޓުލާނީ 1،000 މީހުންން ކަމަށް ވެސް އީސީން ބުނެއެވެ.

"ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓާނީ 50 މީހުންނަށް ވުރެ ގިނައިން ވޯޓްލުމަށް ރެޖިސްޓްރީ ކޮށްފައިވާ ނަމަ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި މާލޭގައި 121 ވޯޓު ފޮށި، ހުޅުމާލޭގައި 15 ވޯޓު ފޮށި، ވިލިމާލޭގައި 8 ވޯޓު ފޮށި، ސިނާއީ ސަރަހައްދުތަކުގައި 4 ވޯޓު ފޮށި، ރިސޯޓްތަކުގައި 33 ވޯޓު ފޮށި، ރާއްޖެއިން ބޭރުގައި 8 ވޯޓް ފޮށި، ޖަކުތަކުގައި 5 ވޯޓު ފޮށި އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި 357 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ " ޝަރީފް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބު އެއްވެސް ދަތިކަމެއްނެތި ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައިވާއިރު މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ. މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާ އަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.