ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގެމަނަފުށީ ދާއިރާއަށް ވާދަކުރައްވާ، ޖަމީލް އުސްމާން އަށް ތާޢީދު ކުރުމަށް، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ނިންމަވައިފިއެވެ.

ރާއްޖޭއިން ބޭރުގައި ހުންނަވައި، ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ޝަހީމު ވިދާޅުވީ، ޖަމީލް އުސްމާނަކީ ތަޢުލީމީ ޤާބިލް ނަމޫނާ މެމްބަރެއް ކަމަށާއި، ކުރިއަށް އޮތް އިންތިޚާބުގައި އެ ދާއިރާގައި ތިއްބެވި، ޝަހީމް ގެ ހުރިހާ ރައްޓެހިންވެސް ޖަމީލަށް ތާޢީދުކޮށްދެއްވުމަށް އެދޭ ކަމަށެވެ.

"ޖޭ.ޔޫ އަށް އަޅުގަނޑު ތާޢީދު ކުރަމެވެ. ޖޭ.ޔޫ އަކީ ތަޢުލީމީ ޤާބިލް، ނަމޫނާ އެމް.ޕީ އެއް. ގެމަނަފުށީ ދާއިރާގައި ތިބި އަޅުގަނޑުގެ އެންމެހާ ރައްޓެހިން ޖޭ.ޔޫ އަށް ތާޢީދު ކޮށްދެއްވުން އެދެމެވެ." ޝަހީމް ގެ ފޭސްބުކް ޕޯސްޓުގައި ބުނެފައި ވެއެވެ.

މި ވަގުތު، ޑރ.ޝަހީމް އަކީ މުސްލިމު 58 ގައުމު ހިމެނޭހެން އެކުލަވާލާފައިވާ އިސްލާމީ އެންމެ ބޮޑު ޖަމްއިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރެވެ. އަދި ޝަހީމް ވަނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ ކަމުގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެ އިތުރުން، ނިމި ދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓެއްގެ ގޮތުގައިވެސް ހުންނެވީ ޑރ ޝަހީމެވެ.

ގެމަނަފުށި ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޖަމީލް އުސްމާނަކީ މިހާރުވެސް އެ ދާއިރާ ތަމްޞީލްކުރައްވާ މެމްބަރެވެ.

މަޖިލިސް އިންތިޚާބު ބޭއްްވުމަށް ހަމަހެޖިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.