ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މައްޗަންގޮޅި އުުތުރު ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމެވީ، ޤައުމަށް ރަނގަޅު ޚިދުމަތްތަކެއް ކޮށްދެވިދާނެ ކަމަށް ޤަބޫލުފުޅުކުރެއްވޭތީ ކަމަށް، ޖަމީލާ ޚާލިދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބަށް ކުރިމަތިލެއްވުމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޖަމީލާ ވިދާޅުވީ، މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލެއްވީ ކީއްވެގެންތޯ، ވަރަށް ގިނަ ބޭފުޅުން ސުވާލުކުރައްވާ ކަމަށާއި، ނަމަވެސް މަޖިލިސް އަށް ކުރިމަތިލެއްވީ ވަކި ދާއިރާއަކަށް ވިސްނައިގެން އެކަން ކުރުމުގެ ގޮތުން ނޫންކަމަށެވެ.

" މި ހުރިހާ ދުވަހު އަޅުގަނޑު އުޅުނީ ސަރުކާރުގެ ވަޒީފާ ތަކުގައި، އެބޭފުޅުން އެދިވަޑައިގެންނެވި މަޤާމެއްގަ. އެބޭފުޅުން އެދި ވަޑައިގެންނެވި ޚިދުމަތެއް އަޅުގަނޑު ފޯރުކޮށްދެެއްވަމުން ގެންދިޔައީ. ދެން އެހިސާބުން އަޅުގަނޑަކަށް މިހާރު ވަޒީފާއެއް ނުވަތަ ޚިދުމަތްދިނުމުގެ ފުރުޞަތެއް ސަރުކާރުގެ ފަރާތުން ނެތީމަ، ދެން މިހާރު އަޅުގަނޑަށް ޤަބޫލުކުރެވުނީ ޚިދުމަތް އަދިވެސް އަޅުގަނޑަށް ދެވޭނެޔޭ. އެ ޤާބިލްކަން އަދިވެސް އެބަހުއްޓޭ." ޖަމީލާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖަމީލާ ވިދާޅުވީ، މައްޗަންގޮޅި އުތުރު ދާއިރާ އަކީ ވަރަށް ޚާއްޞަ ދާއިރާއެއް ކަމަށާއި، ވަރަށް ގިނަ ރައްޓެހިންނާއި ތިމާގެ މީހުންވެސް އެ ދާއިރާގައި އެބަ ތިއްބެވި ކަމަށެވެ.

ޖަމީލާ އަކީ ދިވެހި ދަޢުލަތަށް ވަރަށް ގިނަ ދުވަސް ވަންދެއް، އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 29 އަހަރު ވަންދެން ތަޢުލީމީ ދާއިރާގައި ޖަމީލާ މަސައްކަތް ކުރެއްވިއެވެ. އަދި 4 އަހަރުގެ މުއްދަތަކަށް، ސިވިލްސާރވިސް ކޮމިޝަންގެ މެމްބަރުކަންވެސް ކުރެއްވިއެވެ.

މީގެ އިތުރުން، 2 އަހަރުވަންދެން، ދިވެހި ދަޢުލަތުގެ ފަރާތުން ޖަރުމަނަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުގެ މަޤާމުގައިވެސް ޖަމީލާ ވަނީ މަސައްކަތް ކުރައްވާފައެވެ. އަދި ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުން 20 އަހަރު ވަންދެން، ޓީވީއެމް ގައި ވަނީ މަސައްކަތް ކުރައްވާފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި، ޖަމީލާ ވާދަކުރައްވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    މަގޭވޯޓް ޖަމީލާއަށް

    10
    2
  2. އަހްމަދު

    ޖަމީލާ އަކީ މެމްބަރު ކަމަށް ވަރަށް ޤާބިލު އަންހެން ކަބަލެއް އެހެން ވީމަ މައްޗަން ގޮޅި އުތުރުދާއިރާއަށް ކުރިމަތިލާގެން ތިބި ބޭފުޅުންނާއި'ކަބަލުންގެ ތެރެއިން އަޅުގަނޑު ވޯޓް ދޭނީ ޖަމީލާއަށް.

    11
    2
  3. ޖަމީލާ

    ޖަމީލާ މިހާރަށްވުރެ ހަލުއި ކެންޕޭނެކުރަންވީ. ޖަމީލާގެ އަޑު ގަދަކުރަންވީ. ތިކުނުކުމެވުނީ ގަދަކަނޑަކަށް އެހެންވީމަ މަޑުކޮށްނުލާ ބާރަށް މަންޒިލަށް ދަތުރުކުރޭ. ފަހަތުން ލަވާހަޅޭކަށް ފަސްއެބުރި ޖަވާބުދިނުމެތި ރޭސްނިންމާ. އިންޝާﷲ ކާމިޔާބުދެއްވާށި. ޡ

    8
    1