ހުޅުމާލެ ދާއިރާގެ ރައްޔިތުންނަށް ގެއްލިފައިވާ ހުރިހާ ހައްޤުތަކެއް ހޯއްދަވައިދެއްވާނެ ކަމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެ ދާއިރާއަށް ވާދަކުރައްވާ، އަޒްލީން ޢަހުމަދު ވިދާޅުވެއްޖެއެވެ.

އަޒްލީން މިހެން ވިދާޅުވީ، އެ ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް، "އެންމެން ގުޅިގެން" މި ނަމުގައި، ހުޅުމާލޭގައި ރޭ ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ހުޅުމާލެ ރައްޔިތުން ވަނީ އެތައް ހައްޤުތަކަކުން މަޙުރޫމުވެފަ. އެ ހައްޤުތައް ހޯދައިދޭން އަޅުގަނޑު މަސައްކަތް ކުރާނަން. ހުޅުމާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭން އަޅުގަނޑު މަސައްކަތް ކުރާނަން. އަދި އަޅުގަނޑަށް މި އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ، ހުޅުމާލެ ދާއިރާގެ ގޮނޑިއަކީ ކޮންމެ ރައްޔިތެއްގެ ޙިއްޞާ އޮންނަ ގޮނޑިއަކަށް ހަދާނަން. އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާއި ގާތުން. އަދި ހުޅުމާލެ އަކީ ކުންފުންޏެއްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް އަޅުގަނޑު މަސައްކަތް ކުރާނަން." އަޒްލީން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ، މަޖިލީހުގައި އެމަނިކުފާނު ތަމްޞީލް ކުރައްވާނީ ރައްޔިތުން ކަމަށާއި، އަދި މަޖިލީހުގައި އަބަދުވެސް ގޮތް ނިންމާނީ ދާއިރާގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެެވެ. އަދި ދާއިރާގެ ކޮންމެ ރައްޔިތަކަށްވެސް ހައްޤު މިންވަރު ހޯއްދަވައިދެއްވުމަކީ އެމަނިކުފާނުގެ ޒިންމާއެއް ކަމަށާއި، ޒުވާނުންނާއި، އަންހެނުންނާއި، އިސްރަށްވެހި

ހުޅުމާލެ ދާއިރާގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން

ންގެ ހައްޤުގައި އަބަދުވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.

"އެޕްރީލް ހަވަނަ ދުވަހު ދާއިރާގެ މުސްތަޤުބަލު އުޖާލާކުރުމަށް، ފާގަތި ދުވަސްތަކަށް އެދި، ކެނޑިޑޭޓު ނަމްބަރ ތިނެއް، އަޅުގަނޑަށް ވޯޓު ދެއްވުމަށް ދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދެން." އަޒްލީން ވިދާޅުވިއެވެ.

މި ޖަލްސާގައި ހުޅުމާލެ ދާއިރާގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ އަޒްލީން އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރ ކަމުގެ މަޤާމުވެސް ފުރުއްވާފައިވާ، ޢިލްމީ ޤާބިލް ބޭފުޅެކެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ށަރީ

    ސާބަހޭ އަޒްލީން....ވަގަށް ލާރިނުހޯދާތި ނަމަނަމަ...

    3
    5
  2. އަޒްލީމް

    މި ދާއިރާއައް އެންމެ ކުޅަދާން ކެންޑިޑޭޓަކީއަޒްލީން.މަރުހަބާ.

    6
    9
  3. ނުރަބޯ

    އަޒްލީނަކީ ޢިލްމީ، ޤާބިލް، ކެރޭ، ހީވާގި، އަދި އެއްގޮތެއްގައި ސާބިތުވެ ހުރެވޭ ޒުވާނެކެވެ. އެހެންކަމުން އަޒްލީނަކީ އެދާއިރާ ޙަވާލު ކުރަން ހަމަ ރަގަޅު ޖަވާހިރެކެވެ.