2017 ވަނަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުގައި އެންމެ ގިނައިން ރަޖިސްޓްރީކޮށްފައިވަނީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތައް ކަމަށް އެ ކޮމިޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފިއެވެ.

އޭސީސީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ މިދިޔަ އަހަރު ޕްރޮކިއުމަންޓާ ގުޅޭ 275 މައްސަލަ އެ ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. ދެވަނައަށް އެންމެ ގިނައިން ރަޖިސްޓްރީކޮށްފައިވަނީ ވަޒީފާ އާ ގުޅޭ މައްސަލަތަކެވެ. އެގޮތުން، ވަޒިފާ އާ ގުޅުންހުރި 110 މައްސަލައެއް ރަޖިސްޓްރީކޮށްފައިވެއެވެ.

މީގެ އިތުރުން ކުއްޔަށް ދޫކުރެވޭ ތަންތަނާއި ބިންބިމާ ގުޅުންހުރި 80 މައްސަލައެއް ރަޖިސްޓްރީކޮށްފައިވާއިރު ގޯތިގެދޮރާ ގުޅުންހުރި 74 މައްސަލައަކާއި ކުއްޔަށްދޫކުރާ ރަށްތަކާ ގުޅުންހުރި 9 މައްސަލައެއް މިދިޔަ އަހަރު ރަޖިސްޓްރީކޮށްފައިވެއެވެ. އަދި އެހެނިހެން މައްސަލަތަކުުގެ ގޮތުގައި 271 މައްސަލަ ރެޖިސްޓްރީ ކޮށްފައިވެއެވެ.

މި މައްސަލަތަކުގެ ތެރެއިން 655 މައްސަލައެއް ބަލަން ނިިންމި އިރު 120 މައްސަލައެއް ވަނީ ނުބަލައި ދޫކޮށްލާފައެވެ. އަދި 60 މައްސަލައެއް އެހެން އިދާރާތަކަށް ފޮނުވި އިރު އިވެލުއޭޝަން މަރުހަލާގައި 8 މައްސަލައެއް އެބަ އޮތެވެ.

2017 ވަނަ އަހަރުގެ ނިޔަލަށް 1326 މައްސަލަ އޭސީސީ އިން ނިންމާފައިވާ ކަމަށް އަހަރީ ރިޕޯޓުން ދައްކާއިރު ކޮމިޝަނުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދަކީ 1311 އެވެ.