ސަރުކާރާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭނުންވަނީ ބޭރުގެ އަސްކަރިއްޔާތައް ގެނެސް މުޅި ދިވެހި ދައުލަތް ރޫޅާލަންކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

"ވަގުތަށް" ދެއްވި ހާއްޞަ އިންޓަވިއުއެއްގައި ރީކޯ މޫސަ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ނެރޭ އަމުރެއް، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް، އަދި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ގަބޫލުނުކުރާ ކަމަށާއި އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ބޭރުގެ ސިފައިން ދިވެހިރާއްޖެ އަރުވައިގެން މުޅި ދިވެހި ދައުލަތް ރޫޅާލަންކަމަށެވެ.

"ސުޕްރީމް ކޯޓުން ނެރޭ އަމުރެއް ޤަބޫލެއް ނުކުރޭ. ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމެއް ޤަބޫލެއް ނުކުރޭ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް ޤަބޫލެއް ނުކުރޭ، މިތަނަށް އަންނަންވީ އިންޑިއާ ސިފައިން ކަމަށް އިދިކޮޅުން ބުނަމުންދަނީ. މުޅި ދައުލަތް ރޫޅާލަން ހިފާފައި އެމީހުން އެތިބީ" އިދިކޮޅު ސިޔާސީ ފަރާތްތަކަށް ޗެލެންޖުކުރައްވާ ކަމަށް ވިދާޅުވެ ރީކޯ މޫސާ މަނިކު ވިދާޅުވިއެވެ.

އީޔޫ އިން ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުޞަތު ދިނުމަށް ގޮވާލާ ޤަރާރެއް ފާސްކޮށްފައިވާކަމަށާއި، އަދިވެސް މަގުމަތީގައި ނަށަންވީތޯ ރީކޯ ވަނީ ސުވާލު އުފައްދަވާފައެވެ.

އިދިކޮޅު ފަރާތްތަކުން ޤައުމުގެ ސިޔާސީ މަޝްރަހް ހަލަބޮލިކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވާ "ޢެންޓި-ޑިފެކްޝަން ޤާނޫނަކީ" ޤާނޫނު އަސާސީއާ ހިލާފު ޤާނޫނެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސްޕްރީމް ކޯޓަށް ދިޔަ ދިޔުމަށްވެސް މޫސަ ވަނީ ފާޑުވިދާޅުވެފައެވެ.

މޫސަ ވިދާޅުވެފައިވަނީ، އެ ޤާނޫނަކީ ހުރިހާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށްވެސް ހައްޤުތައް ހިމާޔަތް ކޮށްދޭ ޤާނޫނަކަށް ވެގެންދަނީ އެ ޤާނޫނުގެ ސަބަބުން އެ މެންބަރުން އިންތިހާބުކުރާ ރައްޔިތުންނަށް އަދި އެ މެންބަރުން ނިސްބަތްވާ ޕާޓީއަށް އިހްލާސްތެރިކަމާއެކު ހިދުމަތްކުރުމަށް ބާރުއެޅިގެންދާތީ ކަމަށެވެ.

މި ޤާނޫނަކީ ޤާނޫނު އަސާސީއާއި ހިލާފު ޤާނޫނެއް ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ވަނީ މި ޤާނޫނު ބާތިލުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލައިގެ ޝަރީއަތް އިއްޔެ ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢިޔަޒު

    މީއީ އަޅެ ކިގާވަރެއްގެވމީހެއްބާ..

  2. ޕޮގުބާ

    ވަރަށްބޮޑް ތެދެއް ރިޔާސީއިންތިހާބުގެ ކުރިމަށްޗަށް ވާނެ ހުރިހާ ޓރެރިސްޓްން ޖަލަށްލާން

  3. ވގ

    މިއީ މުސަމެންގެތަރިކަމުދާތޯ ކައިރީގަތިއުޅޭމީހުނައްބައިއަޅައިގެން ހުސްކޮއްލަނީ ކުރީގަ ރީދޫޕާޓީގަހުރިރުވިސްތިވާހަކަ މިހާރު ޕިންކް ގަވެސްއެވާހަކަ ތީ އަމިއްލަ ބޮނޑި ބޮޑުކުރަންއުޅޭމީހުން ވސަލާން