ދައުލަތުގެ ވަޒީރުންނާއި ފަނޑިޔާރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ފަހު ނިންމުން ނިންމުމަށް ސުޕްރީމް ކޯޓަށް ލިބިގެންވާ ބާރު ކަނޑާލާ އެ ބާރު ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ގެނައި އިސްލާހަށް ވޯޓަށް އެހުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލް ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އާއްްމު ކޮމިޓީން މަޖިލީހުގެ ޤަވައިދަށް ގެންނަން ނިންމާފައިވާ އިސްލާހުގައި ވަނީ، ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅައި މަޖިލީހުގެ އަޣުލަބިއްޔަތުން އިތުބާތު ނެތް ކަމަށް ފާސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިން އެ މީހަކު ވަގުތުން މަގާމުން ވަކިވާނެ އެވެ.

ކޮމެޓީން އެއިސްލާހު ފާސްކުރީ ޕީޕީއެމް އާއި ޖޭޕީ މެންބަރުންގެ ތާއީދާއި އެކުއެވެ. އެހެންކަމުން މާދަމާ އޮންނަ ޖަލްސާގައި ވެސް ފަސޭހަކަމާއި އެކު އިސްލާހު މަޖިލީހުން ފާސްކުރާނެ ކަމަށް ބެލެވެއެވެ.

ކޮމިޓީ ބައްދަލުވުމުގައި ޕީޕީއެމާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހޫނު ބަހުސްތަކެއް ކުރެއްވި އެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ މަޖިލިހުގެ ގަވައިދަށް ބަދަލު ގެންނަން އުޅެނީ ސުޕްރީމް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ނޫން ކަމަށެވެ.

ނަމަވެސް ސުޕްރީމް ކޯޓަށް އެންމެ ފަހު ބަސް ބުނުމުގެ ފުރުސަތު އޮތް އިރު، އެއްވެސް ބޭފުޅެއްގެ އިތުބާރު ނެތް ކަމަށް މަޖިލިހުން ފާސްކޮށްގެން، އެ ބޭފުޅަކު ހިތްހަމަނުޖެހޭ ކަމަށްވާނަމަ، ކޯޓަށް ދާން މަޖިލިހުގެ ގަވައިދު ހުރަސް ނާޅާ ކަމަށް ޕީޕީއެމް މެމްބަރުން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އަދި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ އެ ކޯޓުން ކަމަށެވެ.

ސުޕްރީމް ކޯޓުން 2017 ވަނަ އަހަރު ނިންމާފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި، ސިޔާސީ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓު ނުނެގޭނެ ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކަކަށް ބިނާވެފައިވާ އިމްޕީޗްމެންޓަކަށް ވާންޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޮލި މުލައް

    ކޮބާ ތާހިރުވެއްޖެއްނު ފާޑުފާޑުގެ ހުކުމްތައް ޖަހައިދީގެން ވެރިކަމަށް ގެނެސްދިނީމަ ރީތިގެއެއްގެ ސޮލަވާތަށް އަރުވައިފިއެއްނު.

    18
    2
  2. ގިޔާސް

    ގާނޫނު ތަކާއި ގަވާއިދުތައް މީއަޅެފަހެ ވަކި ޕާރޓީއެއްގެ ވަކި ބައެއްގެ މުދާގަނޑެއްތަ ، ޔާމިން އަށް މަގުފަހި ކުރުވި ހުރިހާ ކަމެއް ސޯލިހް އައުާއިކު ބަދަލުކޮށް ހަަމަ އަނެއްކާ ވެސް މަޖްލިހުން ވެރިކަން ކުރުން އުނދަގޫކޮށް ނުފޮރުއްޕާން ކުރަން ދޫކޮށްލަންވީތަ! ބަލަ ބޮޔަވެބަލަ ރައްޔިތުން ފުރިހަމަ މެޖޯރިޓީ އެމް ޑީ ޕީއަށް ދޭނެ!

    6
    22
  3. ދދދދދދ

    ނަމަނަމަ ފާސް ނުކުރާތި. ހެދިފަ ގޯސް އިތުރަށް ގޯސް ނުކުރާތި.

    7
    10
  4. ފަހުބަސް

    ސާބަހޭ ޖޭޕީ އާ ޕީޕީއެމް އައް ހުރިހާ އާލާތުން ވެރިކަމުން ދުރުކުރަންޖެހޭ ދީނައްޓަކާ ގައުމައްޓަކާ މިއާލާތުން މިގައުމުންވެސް ފޮނުވާލަންޖެހެ.މިގައުމުން ކާފަރުންނަކައް ޖާގައެއްނެއް އިބޫ ވެސް އިސްތިއުފާ ދީފަ އަވަހައް ގޭގަ އަރާމުކުރުން ބުއްދިވެރި

    23
    4
  5. ޢެކޮއި

    ތިޔައީ ރަގަޅު ކަމެއް. ފަޑިޔާރީ ދާއިރާގެ މުސާރަވެސް ދެން މާބޮޑީ އޭ.

    21
    4
  6. ދަތްދޫނި

    ކޯޓުތަކާއި މަޖުލިސް ކުރާގެ ހަމަ މަގަށް އެލުވުމާއި ރައްޔިތުން އެދޭ ގޮތައް ވެރިކަމެއް ކޮއްދެވޭނީ މަޖުލިހުގެ އަޤުލަބިއްޔަތު މޑޕ އަށް ލިބިގެން. އަދި ރައްޔިތުންގެ ޙަޒާނާ ތަކުން ގެއްލިފައިވާ ޙަޒާނާތައް ރައްޔިތުން ނަށް އަނބުރާ ލިބޭނީވެސް ރައްޔިތުން މޑޕ އަށް ވޯޓުދީގެން ކަމަށް ފެނޭ.

  7. عبدالله

    މިވެރިންނަށް ހެޔޮވިސްނުން ދެއްވުންއެދި ދުޢާކުރައްވާ! މިވެރިންގެ މިޞްރާބު ރަނގަޅެއްނޫން

  8. އަލީ

    ފަނޑިޔާރުން ބޭނުން ގޮތަކަށް ކަން ކުރަމުން ދަނީ. އެބޭފުޅުން ގާނޫނޫ ބެލުމެއް ނެތި ހިތުހުރި ގޮތަކަށް ކަންކުރަމުން މިހާރުވެސް ކަންތައް ކުރަމުން ދަނީ . އެމީހުން ހިީކުރަނީ އެމީހުން އެމަގާމަށް ދިޔާމަ އެހެން މީހުންގެ އިހުސާސް ތަކެއްނޭނގެ. ހުވާކޮށްގެން ހުރެގެން ނިކަމެތިން ނަށް ހަދާނެ ގޮތެއް ހަދަނީ އަހަރެން ހިތައް އަރަނީ ކިހާ ދުވަހެއް ވަންދެން އެބޭފުޅުން އެމަގާމުގައި ހުރެވޭނެބާވޭ.