ކުރިއަށް އޮތް ފަސް އަހަރަށް ތައްޔާރުކުރާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމަށް ބާއްވާ ސިމްޕޯޒިއަމްތަކުގެ ތެރެއިން ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނަށް އަމާޒުކޮށްގެން ބާއްވާ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް ސިމްޕޯޒިއަމް ފަށައިފިއެވެ.

މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސިމްޕޯޒިއަމް ފައްޓަވައި ދެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މިރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްގައި އެކްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި މެނޭޖްމަންޓް ބޯޑުގެ މެމްބަރުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކަމާގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރާ ކޮމިޝަންޑް އޮފިސަރުން ހިމެނޭގޮތަށް ޖުމްލަ 90 އޮފިސަރުން ބައިވެރިވެއެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ހިޔާލު ހޯދުމަށް ބޭއްވި އެކި ޕަބްލިކް ފޯރަމްތަކާއި ނޭޝަނަލް ޔުނިވަރސިޓީން ކުރި ޕާސެޕްޝަން ސަރވޭ އާއި ފުލުހުންގެ މުއައްސާސާގެ ތެރޭގައި ކުރިއަށް ގެންދިޔަ ސަރވޭ އާއި ފުލުހުންނަށް އަމާޒުކޮށްގެން ބޭއްވި ސިމްޕޯޒިއަމްތަކުގައި އެއްކޮށްފައިވާ މަޢުލޫމާތުތައް ކޮމިޝަންޑް އޮފިސަރުންގެ މި ސިމްޕޯޒިއަމްއަށް ހުށަހަޅާއިރު، މި ސިމްޕޯޒިއަމްގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ސަމާލުކަންދީގެން މަސައްކަތްކުރާ ޕްރައޯރިޓީސްތައް ކަނޑައެޅިގެންދާނެއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގެ މަސައްކަތަކީ ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނާއި އާންމުގެ ހިޔާލު ލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަސައްކަތްތަކުގެ ތެރެއިން ވަނީ ޕޮލިސް އޮންލައިން ފޯރޓަލްއެއް ޤާއިމްކުރުމުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ގޮތުން ތަފާތު 19 ފޯރަމެއް ބާއްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންގެ ހިޔާލު ހޯދުމަށް ތިން ފޯރަމެއް ބާއްވާފައިވާއިރު، ކޮމިޝަންޑް އޮފިސަރުންނަށް ބާއްވާ މި ސިމްޕޯޒިއަމްއަކީ ފުލުހުންގެ ހިޔާލު ހޯދުމަށް ބާއްވާ މިފަދަ ހަތަރު ވަނަ ފޯރަމެވެ.

ކިޔުންތެރިންގެ ހިޔާލު