ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް ވާދަކުރައްވާ، ޖަމީލާ ޢަލީ ޚާލިދަށް އިތުބާރު ކުރަން، އެ ދާއިރާގެ ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޖަމީލާ މިހެން ވިދާޅުވީ. "ވަގުތު" އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

"އަޅުގަނޑު ހިތުން މީހަކަށް އިތުބާރު ކުރުމުގައި ވަރަށް މުޙިއްމު ކަމެއް އެއީ އެމީހަކު ދަސްވުން އެއީ. އެމީހަކު އެނގިފަ އޮތުން އެއީ. އަޅުގަނޑު ނޭނގޭ މީހަކު މި ދާއިރާ އަކު ނޫޅޭނެ. އެހެންވީމަ، އަޅުގަނޑަށް ޤަބޫލުކުރެވޭ، މައްޗަންގޮޅި އުތުރު ދާއިރާގެ ބޭފުޅުންނަށް އަޅުގަނޑަށް އިތުބާރު ކުރަން ވަރަށް ފަސޭހަވާނެހެން. އެއީ ދަންނަ މީހަކަށްވެފަ، އަދި އެބޭފުޅުންނަކީ އަޅުގަނޑުގެ ޚިދުމަތް ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް ވާތީ." ޖަމީލާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖަމީލާ ވިދާޅުވީ، ދާއިރާގެ ގޭގެ އަށް ޒިޔާރަތް ކުރި ކުރުމުގައި ދާއިރާގެ ރައްޔިތުންނާއި ގުޅޭ ވަރަށް ގިނަ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ ލިބުނު ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

"އޭގަ އަޅުގަނޑު ޖަޖްމަންޓަލް ވާކަށް ބޭނުމެއް ނޫން. އެއީ އެބޭފުޅުން އުޅެއްވާ ގޮތް، މިސާލަކަށް، ނިކަމެތިކަން. އެއީ އެބޭފުޅުން ވަރަށް ކުޑަ ތަންކޮޅެއްގަ އުޅުއްވި ކަމަށް ވިޔަސް ވަރަށް ހިތްޕުޅު ހަމަޖެހިގެންވެސް އުޅުއްވަފާނެ ދެއްތޯ. އެކަމަކު މީ އެބޭފުޅުން އެ ވިދާޅުވާ ގޮތަށް އަޅުގަނޑަށް އަޑުއިވެން ލިބުނު ވަރަށް ބޮޑު ފުރުޞަތެއް." ޖަމީލާ ވިދާޅުވިއެވެ.

އަންނަ މަހު ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި، މައްޗަންގޮޅި އުތުރު ދާއިރާއަށް ޖަމީލާ ކުރިމަތިލައްޗަނީ ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެސްކިޑްމާމަ

    ވޯޓްދެވަރަށްވުރެ މުސްކުޅި

    5
    18