ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވަން ކެމްޕޭން ކުރައްވަމުން ގެންދެވި ޒާހިދު ރަމީޒު އިންތިޚާބުގައި ވާދަނުކުރަން ނިންމަވާ ނަން އަނބުރާ ގެންގޮސްފިއެވެ.

ޒާހިދުގެ ކެމްޕޭން މައުލޫމާތުތައް ގެނެސްދޭ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޒާހިދު ނަން އަނބުރާ ގެންދަން ނިންމިކަން ކަށަވަރު ކޮށްދީފައެވެ. އޭނާ އަށް ތާއިދު ކުރި ހުރިހާ ފަރާތްތަކަށް އޭނާ ވަނީ ފޭސްބުކް ޕޯސްޓްގައި ތަކުރާރުކޮށް ޝުކުރު އަދާކޮށްފައެވެ.

ޒާހިދު ވިދާޅުވީ ނަން އަނބުރާ ގެންދިޔަ ނަމަވެސް އައްޑޫގެ ތަރައްޤީއަށް އޭނާ ދެކެވަޑައިގަންނަވާ ތަސައްވަރަށް ބަދަލެއް ނާންނަ ކަމަށާއި އެތަސައްވަރު ހަޤީޤަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ނަން އަނބުރާ ގެންދިޔަ ނަމަވެސް ވާދަކުރައްވާ އެހެން ކެންޑިޑޭޓަކަށް ތާއިދު ކުރަން ނިންމާފައި ނުވާކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ.

ކުރިން ޕީޕީއެމްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުން ގެންދެވި ޒާހިދު ވަނީ މީގެ ހަފްތާއެއް ކުރިން ޕީޕީއެމް އިން ވަކިވެ ވަޑައިގެންފައެވެ. ޒާހިދު ޕީޕީއެމް އިން ވަކިވީ އެޕާޓީގެ ޓިކެޓްގައި އޭނާ މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރަމުން ގެންދަނިކޮށް ހިތަދޫ މެދު ދާއިރާއަށް ޖޭޕީން ވާދަކުރާ ކެންޑިޑޭޓަށް ޕްރޮގްރެސިވް ކޯލިޝަނުން ތާއިދު ކުރުމުންނެވެ.

އެމައްސަލައިގައި ޒާހިދު ވަނީ ޕީއެންސީގެ ވަގުތީ ރައީސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

އޭޕްރިލް މަހުގެ 06 ވަނަ ދުވަހު އޮންނަ އިންތިޚާބަށް ގާތްގަނޑަކަށް ދެހަފްތާއެއްހާ ދުވަސް ބާކީ އޮތްއިރު އިއްޔެ އެމްޑީޕީގެ ކެންޑިޑޭޓަކު ވެސް ވަނީ ނަން އަނބުރާ ގެންގޮސް ފައެވެ.