ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ފަރާތުން މާލޭގެ ގޭބީސީ ތަކާއި ވިޔަފާރިތަކަށް ފޯރުކޮށްދެމުންގެންދާ ކުނި ނެގުމުގެ ޙިދުމަތުގެ ބިލަށް ފައިސާ ނުދައްކަވާ ފަރާތްތަކަށް، ވެމްކޯއިން ދަނީ ވަގުތީގޮތުން ޚިދުމަތް މެދު ކަނޑާލަމުން ކަމަށާއި ނަމަވެސް ފައިދާ ދެއްކުމުން އެންމެ ލަސްވެގެން ޖެހިގެން އަންނަ ދުވަހު އަލުން ޚިދުމަތް ދޭނެ ކަމަށް ވެމްކޯ އިން ބުނެފިއެވެ.

ވެމްކޯ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޚިދުމަތް މެދުކަޑާލާފައިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެވެސް ހެންދުނު 11:00 ގެ ކުރިން ބިލަށް ފައިސާ ދައްކަވައިފިނަމަ، އެދުވަހެއްގެ މެންދުރުފަހު 15:00 އިން ފެށިގެން، އަލުން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި 11:00 ގެ ފަހުން ބިލަށް ފައިސާ ދައްކަވާފަރާތް ތަކަށް، ޖެހިގެން އަންނަ ދުވަހުގެ 15:00 ގެ ފަހުން ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ގޭބިސީތަކުގެ ކުނި ނެގުމުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް ވެމްކޯ އިން ތަފާތު ޙިދުމަތްތަކެއް ފޯރުކޮށްދެއެވެ.

ފަސޭހަ ކަމާއި އެކު ބިލްތަކަށް ފައިސާ ދެއްކުމަށް ވެމްކޯގެ ކަސްޓަމަރ ފްރަންޓް އޮފީހަށް ވަޑައިގެން ފައިސާ ދެއްކެވޭނެއެވެ. އަދި ވެމްކޯގެ ވެބްސައިޓް އަށް ޒިޔާރަތް ކުރައްވާ އޮންލައިންކޮށްވެސް ފައިސާ ދައްކާލެއްވޭނެއެވެ. މީގެ އިތުރުން ވެސް ވެމްކޯގެ ތަރޑް ޕާޓީ ޕޭމަންޓް އައުޓްލެޓް ތަކަށް (މާލެއިން ނަމަ، ޔޫ ފޯން، މޮބައިލް ލޯޑް، އެލް މޮބައިލް ބިލް ޕޭ، މެޖެސްޓިކް މޮބައިލްސް، ސްމާޓް ފޯން) ޒިޔާރަތް ކުރައްވައިގެން ފަސޭހަކަމާއެކު ފައިސާ ދައްކާލެއްވޭނެއެވެ.

މިގެނެވުނު ބަދަލުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭކަމަށް ވެސް ވެމްކޯ އިން ބުންޏެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް ވެމްކޯގެ ހޮޓްލައިން 1666 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވޭނެ ކަމަށް ވެސް އެކުންފުނީގެ އިއުލާނުގައި ވެއެވެ.