ޤައުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށްވުރެ ގިނަވެ، މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން މެނުވީ، ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ހޯދުން ދަތިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ އެސްއެމްއީ ބޭންކް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށްޓަކައި ޚިދުމަތް ކުރަން ނުކުންނަ ކޮންމެ ދުވަހަކީ، އެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް، ކުރިމަތިން ތަމްސީލުވަމުންދާ ދުވަހެއް ކަމަށާއި އަދި އޭގެ ތެރެއިން ބައެއް ދުވަސް ދުވަހަކީ، އެ ވަޢުދުތައް ފުދޭކަމުގެ ހިތްހަމަޖެހުމާއި އުފާވެރިކަން، ރާއްޖޭގެ ރައްޔިތުން އިޙްސާސް ކުރާނޭ ދުވަސްތައް ކަމަށެވެ.

"މިއަދަކީވެސް އެފަދަ ދުވަހެއް. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެސް.އެމް.އީ ބޭންކެއްގެ ޚިދުމަތް ފެށުމަކީ، މި ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ތެރޭގައި ކުރުމަށް އަޅުގަނޑުމެން ކަނޑައެޅި އެއް ކަންތައް. މިއަދަކީ އެ ވަޢުދު ފުދި، އެ ބޭންކުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާ ދުވަސް." ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ރާއްޖޭގެ ވިޔަފާރި މާޙައުލުގައި ޙަރަކާތްތެރިވާ، ގާތްގަނޑަކަށް 93 އިންސައްތަ ވިޔަފާރިއަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކަމަށާއި އެ ނިސްބަތުން ބަލާނަމަ، ޤައުމީ އިޤްތިޞާދުގެ މައިބަދައަކީ، އެ ބާވަތުގެ ވިޔަފާރިތައް ކަމަށެވެ. "ޢަދަދުން ބަލާނަމަ، ބޮޑެތި ވިޔަފާރިތަކުގެ ކެޕިޓަލް ޢަދަދު ނުވަތަ ރައުސްމާލް އެތައް ބިލިއަނަކުން ގުނައިލެވޭ. އެކަމަކު ދިވެހީންނަށް ވަޒީފާގެ ފުރުޞަތުތައް، އެންމެ ގިނައިން އުފައްދައިދެނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން." ރައީސް ވިދާޅުވިއެވެ.

އެކަން އެހެން އޮތްއިރު، އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވި އެތައް ޒުވާނުންނެއް މިއަދުވެސް ތިބީ، ދާނެ ދިމާއެއް ނޭނގި، ޙަޔާތުގެ ހަތަރު އަނގޮޅިއަކަށް ހުއްޓިފައި ކަމަށް ރައީސް ވިދާޅުވިއެވެ. "ގެވެހި އެތައް އަންހެނުންނެއް ތިބީ، އެމީހުންގެ މަސައްކަތްތެރިކަމުގެ ހުނަރުން އާމްދަނީ ހޯދޭނެ އެއްވެސް ގޮތެއް ނެތިފައި. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރޭގައިވެސް އާމްދަނީ ހޯދަން ބޭނުންވާ ކިތަންމެ ބަޔަކު އެބަތިބި."

ނަމަވެސް، ޤައުމީ ތަރައްޤީގެ ވާހަކަ ދެއްކުމުގައި މި ވީހާ ޒަމާނެއް ފާއިތުވެގެން ދިޔައީ، މުޖުތަމަޢުގެ އެ ފަންތިތަކަށް އަޅައިލާނެ މީހަކު ނެތި ކަމަށާއި އެމީހުންގެ އަތުގައި ހިފައިގެން ކޮޅަށް ނަގައިދިނުމުގެ ސިޔާސީ ހިތްވަރާއި ޢަޒުމް ނެތުމުން، ޤައުމީ ތަރައްޤީގެ އެ މުހިންމު ބައިވެރިން ތިބީ، ޤައުމީ އުފެއްދުންތެރިކަމުން ހަވާސާ ކުރެވިފައި ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ފަށާ އެސް.އެމް.އީ ބޭންކުގެ ޚިދުމަތާއެކު، ޒުވާން އެތައް ވިޔަފާރިވެރިންނެއް އުފެދިގެންދާނެ. ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން، ޤައުމީ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ. ހަމައެފަދައިން މިއީ، ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށް ދެވޭ ވަރަށް ބޮޑު އެހީއަކަށްވެސް ވާނެ." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ އޮނިގަނޑު، މާ ކުރިއްސުރެ އަތުރާލެވިފައި އޮތީ، ބޮޑެތި ވިޔަފާރިތަކަށް ހުރިހާ ކަމެއް ފަހިވާގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އަލަށް ފަށަން ބޭނުންވާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނާއި ފައިސާގެ އެހީ ހޯދުމަކީ، ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން އެހާ ފަސޭހައިން ކުރެވޭ ގޮތަށް އޮތް ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެސްއެމްއީ ލޯނު ދޫކުރަން ފަށާއިރު، މިވަގުތަށް ނިންމާފައި އޮތީ މައިގަނޑު ހަތަރު ދާއިރާއަކުން ލޯނު ދޫކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނާއި، ހަރުމުދާ ލޯނު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބެއްޔާ

    ހުސްވާހަކަ. ދޭނެލޯނެއް ކޮށްދޭނެކަމެއްނެތް ކުދިވިޔަފާރިތަކަށް.

  2. ކަޅުބަކަރި

    ރަނގަޅު ވާހަކައެއް ރައީސް އިބޫ ޝުކުރަން

  3. ހިއްކާށޭ

    އެސްއެމްއީ ބޭންކް ގައި އެންމެ ބޮޑު ހިއްސާ އެއް އޮތީ މަމެންގެ ދަ ގްރޭންޑް މާލެ ސަރަހައްދުގައޭ މަމެން ބުނާ ގޮތަށޭ ތިޔާ ބޭންކް އޮޕަރޭޓް ކުރަން ޖެހޭނީ އެއިރުންނޭ މަމެން ރިޗް ބޯއިޒް އިން ތަކަށް ތިޔާ ބޭންކް ގައި ފައިސާ ކޮޅެއް ވެސް ބެހެއްޓޭނީ ހަމަ މިހާރުން މިހާރަށް ގުޅިފަޅު ހިއްކަން ހަވާލު ކުރަންވީއޭ އެމްޓީސީސީ އަށް ކިއެއްކުރާ ހޯރަފުށި އެއާރޕޯރޓެއް ތޭ އަޅާނެ ކަމެއް ނެތޭ އެމެން މާލެ ސަރަހައްދަށް ގެނެސް އަޅާލީމާ ހުންނާނީ ރަނގަޅަށޭ ހިއްކަން ފަށާ ގުޅިފަޅު

  4. މިގޭ

    ކިއްލިވިއްކާތަނެކޭ މިލިޔަންރުފިޔާވިއްކާތަނެކޭ ކަރަންޓް އަގު އެއްވަރު. އެތަފާތު ކުޑަކޮށްދީބަލަ .

  5. ޑައެލޯގް

    ކިނބުލަށް ކޮންއެއްޗެއް ދެވޭނީ ، އޮފީހެއްގައި 3 އަންހެންކުދިން ހުއްޓާ އެތަނުން 2 ކުދިން ވިހެއުމާއެކު މެޓާނިޓީގެ ދަށުން 7 މަސް ޗުއްޓީލިބޭ ނަމަވެސް އެ 3 ކުދިންނަށް ޖެހޭ ހުރިހައިކަމެއް ބާކީ ހުރި 1 ކުއްޖާ ކުރަންޖެހެނީ އެއީ ބަދަލުގައި ކުދިންނުދީ މެޓާނިޓީ ދޭތީ ދެންމިބުނަނީ ކިނބޫ ދޭއެއްޗެކޯމީ ހުރިހައި ގޭނުމެއް އެއްކަލަ ހުރި ކުއްޖާ މިގޭނެނީ

    7
    1