ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިނގުރައިދޫ ދާއިރާއަށް ވާދަކުރައްވާ، އިބްރާޙިމްގެ ފަލާޙުގެ ކެމްޕެއިން ޕޯސްޓަރުތަކުން މުޅި ދާއިރާ ފުރާލައިފިއެވެ.

އިބްރާޙިމް ފަލާޙަކީ މިހާރުވެސް އެ ދާއިރާ ތަމްޞީލް ކުރައްވަމުން ގެންދަވާ މެމްބަރެވެ.

އިނގުރައިދޫ ދާއިރާގައި ހިމެނޭ ފަސް ރަށުގައިވެސް ފަލާޙުގެ ކެމްޕެއިންގެ ހަރަކާތްތައް ވަރަށް ފޯރީގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިއްޔެ ވަނީ އެ ދާއިރާގައި ހިމެނޭ ހުރިހާ ރަށެއްގައިވެސް ވަނީ ފަލާޙުގެ ކެމްޕެއިން ޕޯސްޓަރުތައް، އެކި ހިސާބުތަކުގައި ހަރުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ފަލާޙުގެ ކެމްޕެއިން މެނޭޖަރ އަޙުމަދު މާހިރު ވިދާޅުވީ، ފަލާޙުގެ ކެމްޕެއިން ޕޯސްޓަރުތައް ދާއިރާގެ ފަސް ރަށުގެ އެކި ހިސާބުތަކުގައި ހަރުކުރުމަކީ ދާއިރާގެ ރައްޔިތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށާއި، މި ކެމްޕެއިނަށް ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ މި ހަރަކާތަށް ދާއިރާގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް. ޕޯސްޓަރުތައް ހަރުކުރުމުގެ ހަރަކާތަކީ ދާއިރާގެ ރައްޔިތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް. އެކަމަށްޓަކައި އެ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." މާހިރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަލާޙު ވިދާޅުވީ، ވަރަށް އަވަހަކަށް ފަލާޙުގެ ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށާއި، އެ ޖަލްސާ އަކީ ވަރަށް ކުލަގަދަ، ފޯރިގަދަ، އަޑު ޖަލްސާއަކަށް ވާނެ ކަމަށެވެ.

"ފަލާޙުގެ ކެމްޕެއިންގެ ބޮޑު ޖަލްސާ ވެގެންދާނީ އިނގުރައިދޫ ތާރީޙުގައިވެސް ބާއްވާނެ އެންމެ ބޮޑު ޖަލްސާ. އެންމެ ފޯރިގަދަ ޖަލްސާ. އެންމެ އަޑުގަދަ ޖަލްސާ. މި ޖަލްސާގައި ދާއިރާގެ ހުރިހާ ރައްޔިތުންވެސް ބައިވެރިވެވަޑައިގަންނަވާނެ." މާހިރު ވިދާޅުވިއެވެ.

ކުރިއަށްއޮތް އިންތިޚާބުގައި ފަލާޙު ކުރިމަތިވެލައްވަނީ، ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު