ދެކޮޅު ނުޖެހޭ ސިޔާސަތުތައް އެކުލަވާލައި، ދެކޮޅު ނުޖެހޭ ޤާނޫނުތައް ހަދާ މީހުން، ރައްޔިތުންގެ މަޖިލީހުން ބޭރުކުރަންޖެހޭ ކަމަށް، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ، ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ރަފިއްޔާ މިހެން ވިދާޅުވީ، މާފަންނު ހުޅަނގު ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ރޭ ބޭއްވި ކަންމަތީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދެކޮޅު ނުޖެހޭ ސިސާސަތު ގެންގުޅޭ މީހުންނާއި، ދެކޮޅު ނުޖެހޭ ޤާނޫނުތައް ހަދާ މެމްބަރުން، މިއަދު އެބަޖެހޭ ރައްޔިތުންގެ މަޖިލީހުން ބޭރުކުރަން. އާދެ އަޅުގަނޑު ދަންނަވާލާނަން ތިން ޤާނޫނެއްގެ ވާހަކަ. އޭގެ ތެރެއިން އެއް ޤާނޫނަކީ ވަރަށް ގިނައިން އަޅުގަނޑުމެން އަންހެނުންނާއި ގުޅިފައިވާ ޤާނޫނެއް. އެއީ އެކަނިވެރި މައިންނާއި ބެހޭ ޤާނޫނު. މި ޤާނޫނުގެ ދަށުން އަޅުގަނޑުމެންނަށް އެބަލިބޭ ދެ ހާސް ރުފިޔާ. އާދެ ދެހާސް ރުފިޔާ އަކީ މިއަދުގެ މި ތަޙުޒީބީ މުޖުތަމަޢުގެ ކޯއްޗެއްތޯ." ރަފިއްޔާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރަފިއްޔާ ވިދާޅުވީ، ތަކެތީގެ އަގު އަތްނުފޯރާ ހަމައަށް މައްޗަށްގޮސްފައިވާ ކަމަށާއި، ނަމަވެސް މުސާރަތައް ބޮޑު ނުވާ ކަމަށެވެ. އަދި އެކަނިވެރި މައެއްގެ ގޮތުގައި ހުންނަ މީހާ ވަޒީފާއަކަށް ދާ ހަމައިން، އޭނާ އަށް ދަޢުލަތުން ދޭ ފައިސާ ދިނުން ހުއްޓާލާ ކަމަށްވެސް ރަފިއްޔާ ވިދާޅުވިއެވެ.

"އެކަނިވެރި މައި މީހާ ވަޒީފާއަށް ދާ ހިސާބުން މި ދެހާސް ރުފިޔާ އެބަ ކަނޑާލާ. އެކަނިވެރިމައެއް ވަޒީފާއަށް ދިއުމަކީ އޭނަ ދެކަނިވެރިވާ ކަމެއް ނޫން. އޭނަ ދެކަނި ވެރިވާނީ އޭނަ މީހަކާ އިނދެ އެ ގެއަށް ބްރެޑް ވަނާ އެއް ވަނީމަ." ރަފިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރަފިއްޔާ ވިދާޅުވީ އާއިލާ އާއި ބެހޭ ބިލަށް އައި ބަދަލުތަކާއި ޕެންޝަން ބިލަށް އައިސްފައިވާ ބަދަލުތައްވެސް ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި އިންސާފުގެ މަގުން، ހުރިޙާ ކަމެއްވެސް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރަފިއްޔާ ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ރަފިއްޔާ ކުރިމަތި ލައްވަނީ އެމް.ޑީ.އޭ ގެ ޓިކެޓުގައެވެ. ރަފިއްޔާ އަކީ، އެމް.ޑީ.އޭގެ ނައިބު ލީޑަރު ކަމުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ، އަދި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާޞިލްކޮށްގެން ހުންނެވި، އިޖްތިމާޢީ ޚިދުމަތްތެރިއެކެވެ. އަދި އެކި ރޮނގުރޮނގުން މީހުން ބިނާކުރުމަށް ގަދަ އަޅާ މަސައްކަތް ކުރައްވަމުން ގެންދަވާ ހީވާގި ކަނބަލެކެވެ.