ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ކޮމިޝަނާއި މަރުތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ބާރު ދިނުމަށް ހުށަހަޅާފައިވާ ބިލް އަންނަ މަހު 15 ގެ ކުރިން މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ސުންގަނޑި ހަމަވުމުގެ ކުރިން ބިލްގެ މަސައްކަތް ނިންމާލުމަށް ފަހު އަންނަ މަހު 15 ގައި މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފައެވެ.

މަޖިލީހަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ބިލަށް ހަތަރު ފަހަރު ވޯޓަށް އަހަން އުޅުމުންވެސް، މަޖިލީހުގައި އެކަމަށް ބޭނުންވާ ކޯރަމް ހަމަނުވެގެން އެކަން ވަނީ ނުވެފައެވެ. އަދި ބިލުގައި ގާނޫނު އަސާސީއާ ހިލާފު ގިނަ ކަންތައްތަކެއް ހިމެނޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް ގާސިމް ވަނީ އެ ބިލް އެޖެންޑާއިންވެސް ނަންގަވާފައެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްކުރަން ވޯޓަށް ނޭހެނީ ވޯޓަށް އަހަން ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހާޒިރުވެވަޑައި ނުގަތުމުންނެވެ.

ގާނޫނު އަސާސީގެ 86 ވަނަ މާއްދާގެ (ށ) އާއި މަޖިލިހުގެ ގަވައިދުގެ 37 ވަނަ މާއްދާގެ (ބ) ގައި ބުނާ ގޮތުން، ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލިހުން ފާސްކުރުމަށް ވޯޓަށް އަހަން ވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން، ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ.

މަޖިލީހުގައި ތިއްބެވި 85 މެމްބަރުންގެ ތެރެއިން 43 މެމްބަރުން ހާޒިރުވެވަޑައި ނުގަންނަވަނީސް އެބިލަށް ވޯޓަށް ނޭހޭނެއެވެ.