މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ މަޖިލިސް ކެމްޕޭންގެ ތަރުޖަމާނުއ އަފްޝަން ލަތީފް ވިދާޅުވީ، މުޢުނީގެ މައްޗަށް ކުރެވިފައިވަނީ ގެވެށި އަނިޔާގެ ވަރަށް ސީރިއަސް ތުހުމަތު ތަކެއް ކަމަށެވެ.

"ޕާޓީގެ ގުނަވަންތަކާ މަޝްވަރާ ކުރުމެއްނެތި މުޢުނީއަށް ކުރި ތާއީދު އަނބުރާ ގެނައުމަށް ނިންމެވި ނިންމެވުމަކީ ޕާޓީން ނިންމާފައިވާ ސިޔާސީ ނިންމެވުމެއް،" އޭނާ ވިދާޅުވިއެވެ.

އަފްޝަން ވިދާޅުވީ ޕާޓީގެ ލީޑަރޝިޕަށް އެފަދަ ސިޔާސީ ނިންމެވުންތައް ނިންމޭނެ ކަމަށެވެ. އަފްޝަން އިތުރަށް ވިދާޅުވީ، އެމްޑީޕީން އެ ނިންމުން ނިންމެވުމަށް ފަހު މުޢުނީއާ ވާހަކަދައްކާފައިވާނެ ކަމަށެވެ.

މުގުނީ އަށް ކުރި ތާއިދު އެމްޑީޕީން އަނބުރާ ގެންދިޔައީ އޭނާ ކުރީގެ އަނބިމީހާއަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރެވުމުންނެވެ.

ނަމަވެސް މުގުނީގެ ސަޕޯޓަރުން ބުނަނީ އެއްވެސް ތަހުގީގެއް ހިންގުމެއް ނެތި އަދި ހެއްކެއް ގަރީނާއެއްގެ މައްޗަށް ބިނާކުރުމެއް ނެތި މުގުނީއަށް ކުރި ތާއީދު އެމްޑީޕީން ނެގުމުން އެއީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

މުއުނީގެ ދިފާއުގައި މުޒާހަރާއަށް ނިކުތް އެމްޑީޕީ މެންބަރުން ގެންދަނީ ނަޝީދު ވިދާޅުވި ނަމަވެސް މުގުނީއަށް ކުރި ތާއިދު ނުގެންދާނެ ކަމަށް ގޮވަމުންނެވެ. އަދި ބޭނުން އެއްޗެއް ނުހެދޭނެ ކަމަށް ވެސް ބައެއް މީހުން ދަނީ ބުނަމުންނެވެ.

މުގުނީގެ ސަޕޯޓަރަކު މިއަދު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ސަޕޯޓަރުން ތިބީ މުގުނީގެ ފަހަތުގައި ކަމަށާއި، އެމްޑީޕީން ތާއިދު ގެންދިޔަ ނަމަވެސް މުގުނީ މިފަހަރުގެ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށެވެ.

އެމްޑީޕީން ތާއިދު ގެންދިޔަ ނަމަވެސް އިންތިޚާބުގައި ވާދަކުރާނެ ކަމަށް އިއްޔެ މުގުނީ ވަނީ ވިދާޅުވެފައެވެ. ގެވެށި އަނިޔާއަށް ތުހުމަތު ކުރެވޭ މީހެއްގެ ކެމްޕޭނުގައި ބައިވެރި ނުވާނެ ކަމަށް ނަޝީދު ވަނީ އިއްޔެ ވިދާޅުވެފައެވެ.