ޕްރިޒަން އޮފިސަރުންގެ ވަޒީފާ އަށް މީހުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާންކޮށްފިއެވެ.

ޕްރިޒަން އޮފިސަރުންގެ ވަޒީފާ އަށް ކުރިމަތިލާން ބޭނުންވާ އަންހެނުންނާއި ފިރިހެނުންނަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޕްރިޒަން އޮފިސަރުންނަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 6050 ރުފިޔާ (ޕްރޮބޭޝަން މުއްދަތު ގައި ލިބޭނީ ހަމައެކަނި އަސާސީ މުސާރަ ) ސަރވިސް އެލަވެންސްގެ ގޮތުގައި މަހަކު 3500ރުފިޔާ ނޮން ޕްރެކްޓިސް އެލަވެންސްގެ ގޮތުގައި މަހަކު 2722.50ރުފިޔާ ލިވިންގ އެލަވެންސްގެ ގޮތުގައި މަހަކު 2500ރުފިޔާ އަދި ޔުނިފޯމް އެލަވެންސްގެ ގޮތުގައި މަހަކު 300 ރުފިޔާ ލިބޭނެއެވެ. އެހެންކަމުން ޕްރޮބޭޝަން މުއްދަތު ނިމުމުން ޕްރިޒަން އޮފިސަރަކަށް މުސާރައިގެ ގޮތުގައި މަހަކު 15072.5 ރުފިޔާ ލިބޭނެއެވެ.

ޕްރިޒަން އޮފިސަރެއްގެ ޝަރުތަކީ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު ނުވަތަ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސްލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި އަދި 'އިސްލާމް' އިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން؛ ނުވަތަ، ޕްރިޒަން އޮފިސަރުންގެ ވަޒީފާއަށް ބޭނުންވާ ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 2 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމެވެ.

މީގެ އިތުރުން މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30(ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވާން ޖެހޭނެއެވެ. (30 ނޮވެމްބަރ 2018 އަށް 30 އަހަރުނުފުރޭ) ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ކޮށްފައިވާ މީހަކަށް ނުވުމާއި، އެއްވެސް އިރެއްގައި ކުށުގެ ރެކޯޑެއް އޮތް ފަރާތެއްކަމުގައި ނުވުމަކީ ވެސް ވަޒީފާ އަށް ކުރިމަތިލާ މީހުންގެ ޝަރުތަކެވެ.

ޕްރިޒަން އޮފިސަރެއްގެ މަޤާމުގެ މަސްޢޫލިއްޔަތަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ގައިވާ ގޮތަށް ޖަލުތަކުގައި މަސައްކަތްކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކާޅުކެއަސް ސޮއްނުގޮވާ

    ވެރިކަން ދަމަހައްޓަން ހުރިހާ ތަނަކަށް ގުންޑާއިން ވައްދަނީ. ކުށުގެ ރިކޯޑު ބަލަން ނުޖެހޭގޮތަށް ވަޒީފާ ދެނީ ބާޣީ ސަރުކާރު ދަމަހައްޓަން ދޯ؟؟؟؟

    5
    4
  2. މާމިގިލީ މީހާ

    މުސަޅު ތައް ބަލަހައްޓާ ވަޒީފާ މީ. ދައުލަތުގެ މުސަޅުތައް.

    3
    1
  3. ޕްރައިވެޓ

    މިތަނަކީ ވަކިބަޔަކަށް ޕްރޮމޯޝަން ތަށްދޭ ތަނެއް. ކިތަންމެ ރަނގަޅަށް މަސަކަތްކުރިނަމަވެސް ވެރިންގެ ނުފޫޒު ފޯރުވާ އެމީހުންގެ އައުވާނުން ހެން އޮފިސަރުން ގެންގުޅޭ ތަނެއް.

  4. ރައްޔިތު މީހާ

    މުޅިން ކޮރަޕްޓް ވެފައިވާ މުއައްސަސާއެއް..
    ޝެޑިއުލްކޮށްފައިވާ ޗުއްޓީވެސް ވެރިން ޒާތީގޮތުން ޖައްސާލާފާތިބޭ މީހުންނަށް މަޙްރޫމްކޮށްފަހުރީ.

  5. އޮފިސަރު

    ކުރިއަރަމުން އަންނަ ރަނގަޅު މުއައްސަސާއެއް. ސެކިއުރިޓީ ގެ ގޮތުން ރަނގަޅު... މައްސަލައަކީ ބައެއް އޮފިސަރުންގެ އިޚްލާސްތެރިކަން ނެތުން. ވަގުތީ ފައިދާއަށް އުޅޭ ބައެއް އޮފިސަރުން އުޅުން،

  6. ފޯނު

    ފޯނު ވަައްދާނެ ކުދިން ކޮޅެއް ބޭނުމެއް ނުވޭތަ

  7. ޙަމް

    ކޮބާ ކުރިމަތި ލާން ހަދަން ވީގޮތަކީ....ގުލޭނެ ގޮތްވެސް ނެތް........އީމެއިލް ވެސް ނެތް......؟؟؟؟