ސަރުކާރު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަވެސް، މިހާރު މަޖިލީހުން ފެންނަނީ ސަރުކާރަށް ބިރުދައްކަމުންދާ މަންޒަރު ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަސްލަމް ވިދާޅުވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އިން ސާފު ނިންމުމެއް ނިންމަންޖެހޭ ކަމަށާއި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕާއެކުވެސް މިހާރު މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ހުށަހަޅާފައިވާ ބައެއް ބިލްތަކާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ހުށަހަޅާފައިވާ ބައެއް ބިލަތަކާ ދެކޮޅަށް އިދިކޮޅު ޕީޕީއެމާއެކު ޖުމްހޫރީ ޕާޓީން ދަނީ މަސައްކަތް ކުރަމުން ކަމަށް އަސްލަމު ވިދާޅުވިއެވެ.

"ސަރުކާރު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ މެޖޯރިޓީ މަޖިލީހުގައި އޮތް ނަމަވެސް، މިހާރު މަޖިލީހުން ފެންނަނީ ސަރުކާރަށް ބިރުދައްކަމުންދާ މަންޒަރު. މަޖިލީހުން މިހާރު ނިންމާ ނިންމުންތަކަކީ ސަރުކާރަށް ބިރުދެއްކުމަށް ނިންމާ ނިންމުންތަކެއް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ވަކިގޮތަކަށް ރޭވިގެން ބައެއްކަންކަން ސަރުކާރަށް ދަތިވާގޮތަށް މަޖިލީހުން ކަންކަން ނިންމަމުންދާކަމަށެވެ.

"ސަރުކާރަށް ދަތިވާގޮތަށް މަޖިލީހަށް ގާނޫނު އަސާސީން ލިބިދޭ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން،" ޖޭޕީގެ ލީޑަރު ގާސިމްއަށް ނިސްބަތްކުރައްވާ އަސްލަމް ވިދާޅުވި އެވެ.

ކުރިއަށް އޮތް މަޖިލީހުގެ އިންތިހާބުގައި ޖޭޕީން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ 32 ކެނޑިޑޭޓަކަށް ތާއީދުކުރަން ނިންމުމާއި ގުޅިގެން އެ ޕާޓީގެ ލީޑާޝިޕްގެ ބައެއް މެމްބަރުންނާއި ކައުންސިލްގައި ހިމެނޭ ފަރާތްތަކުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ދައުލަތުގެ ފައިސާއާ މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރު ލިބިދޭ ބިލް ވޯޓަށް އެހުމަށް އެޖެންޑާ ކުރުމަށްފަހު، ވޯޓަށް ނާހައި، ގާސިމް ވަނީ އެބިލް އަލުން ކޮމެޓީއަށް ފޮނުވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަބީބު

    ނަހަމަގޮތުގައި ފޭރިގަތް ވެރިކަމެއްގައި އޮންނަންވާނީވެސް ނަހަމަގޮތްތައް! ސާބަސް ޖުމްހޫރީ

    2
    1
  2. މުޢީނު

    ވައްޓާލަންވެފައޮތް ވަގު ވެރިކަމެއް މިއީ! ވައްޓާލާނަށް އިރާދަކުރެއްވިއްޔާ ދާދިއަވަހަށް

    2
    1
  3. މމޕރސ

    މިކަލޭގެ ހޮވައިގެންނުވާނެ. މިއީވެސް ބޮޑުހުޅުގެ ފަހަތުގައި ހުރި މީހެއް.
    އަދި މީނާގެ ވަރު އިނގޭނީ މމޕރސ ތަހްގީގް ނިމުމުން.

    4
    1