ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން ނުވަ ދުވަސް މިއަދު ޖަހައިފިއެވެ.

އާޒިމް ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އާޒިމް ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

އާޒިމްގެ އިތުރުން އެރޭގެ މުޒާހަރާ އިން ހައްޔަރުކުރި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ގެ ބަންދަށް ވެސް މިއަދު ވަނީ ނުވަ ދުވަސް ޖަހާފައެވެ.

މި ދެ މެމްބަރުންގެ ބަންދަށް ނުވަ ދުވަސް ޖެހިއިރު އެރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 139 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ އަދަދެއްގެ މީހުން ފުލުހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އިބޫގެ އިތުރުން ވެސް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.