ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ އަންހެން މުއައްޒަފުން ވިހެއުމުން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ޝަރުއީ ދާއިރާގެ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން، ހަ މަަސް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައި، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 144 ވަނަ މާއްދާ އާއި 145 ވަނަ މާއްދާ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ނިންމުމުން އަންހެން މުވައްޒަފުން ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ ޗުއްޓީ އަދި ފިރިހެން މުވައްޒަފުންނަށް، އަނބިމީހާ ވިހެއުމާ ގުޅިގެން 30 ދުވަހުގެ ޗުއްޓީ ލިބޭ ގޮތަށެވެ.

ވިހެއުމުން ދޭ ޗުއްޓީ ހަމަހަށް ހެދިކަން ރައީސް އިއުލާން ކޮށްދެއްވީ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށާއި، ރެހެންދި އެވޯޑްދިނުމަށް މާފުށީގައި ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފަޚުރުވެރި އާއިލާއެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ. އެ މަސައްކަތް ފަށްޓަވަނީ، ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާއެކުގައި ކަމަށާއި، އެ ދަރިފުޅަށް ހޭހަންކުރުމުގެ ގޮތުން، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް މިއަދުން ފެށިގެން، ވިހެއުމާ ގުޅިގެން 6 މަސްދުވަހުގެ މެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

"އަދި ސިވިލް ސާރވިސްގަ މަސައްކަތްކުރާ ފިރިހެން މުވައްޒަފުންނަށް 1 މަސްދުވަހުގެ ޕެޓަރނިޓީ ލީވް މުސާރައާއެކު ލިބޭނެ. މީގެ އިތުރުން، 6 މަސް ނުވާ ދަރިން ތިބި ނަމަ، އެ ކުދިންގެ އުމުރުން ހަ މަސް ވަންދެން ސިވިލް ސާރވިސްގަ މަސައްކަތްކުރާ އެކުދިންގެ މައިންބަފައިންނަށް ވެސް މި ސިޔާސަތުގެ ދަށުން ޗުއްޓީ މިއަދުން ފެށިގެން ލިބޭނެ." ރައީސް ވިދާޅުވިއެވެ.