ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނާ ބައްދަލުކުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފިއެވެ.

އެޗްއާރްސީއެމް އިން ވިދާޅުވީ 06 އޭޕްރީލް 2019 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޤާނޫނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ގައި ބަޔާންކޮށްފައިވާ ވޯޓު ދިނުމުގެ ޙައްޤު ރައްޔިތުންނަށް ފުރިހަމައަށް، އެއްވެސް ނުފޫޒެއްނެތި ލިބިދޭތޯ ބެލުމަށާއި މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްތޯ ކަށަވަރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮބްޒާރވްކުރުމުގެ މަސައްކަތް އެޗްއާރްސީއެމް އިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

އިންތިޚާބު އޮބްޒަރވް ކުރުމުގައި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިންތިޚާބާ ގުޅުންހުރި ފަރާތްތަކާއެކު ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރޭގައި އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނާވެސް އިންތިޚާބުގެ ކުރިން ބައްދަލު ކުރުމަށްވަނީ ރާވާފައި ކަމަށް ވެސް އެކޮމިޝަނުން މިއަދު ވިދާޅުވިއެވެ.

އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން، ނުވަތަ އެ ކެންޑިޑޭޓެއްގެ ބަދަލުގައި ހަމަޖައްސަވާ ފަރާތެއް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވައި، ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ނަން ނޯޓުކުރުމަށް މިއަދު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ނަން ނޯޓު ކުރެއްވުމަށް ގުޅުއްވާނީ ފޯނުން 3003199 ނުވަތަ 3003131، 2019 މާރިޗު 20 އިން 21 އަށް، ރަސްމީ ގަޑީގައެވެ. އީމެއިލް އިންނަމަ ފޮނުއްވާނީ [email protected] އަށެވެ.

ބައްދަލުވުން ބާއްވާނެ ތަން، ތާރީޚް، އަދި ވަޤުތު ކެންޑިޑޭޓުންނަށް އެންގޭނެ ކަމަށް އެޗްއާރްސީއެމް އިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަޒީރާ

    ތިޔަ ކޮމިސަންގަތިބީ ވަރަށް ޖަޒީރާވަންތަ ކޮރަޕްޓް ބޭފުޅުން. ކޮން ހިޑަން އެޖެންޑާއެއް އޮތީބާ މިފަހަރު މިބައްދަލުވުން ބޭއްވުމުގަ.