ކެންސަރު ބަލިން ރައްކާތެރިވުމަށް ރާއްޖޭގައި އައު ވެކްސިނެއް ދޭން މިއަދު ފަށައިފިއެވެ.

ތާޖުއްދީން ސްކޫލުގައި ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ) ވެކްސިން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި އެޗްޕީވީ ވެކްސިން ތައާރަފްކުރެވުމަކީ މުހިއްމު ކަމެއް ކަމަށާއި ރާއްޖޭގައި ކެންސަރު ބަލި އޮތީ ކަންބޮޑުވާ ދަރަޖައެއްގައި ކަމަށެވެ.

އަމީން ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ކެންސަރުން ސަލާމަތްވެފައިވާ ބަޔަކަށް ވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އެ ބަލީގެ ވޭނުގައި ކިތައްމެ މަދު ބަޔަކު ތިއްބަސް ކޮންމެ ދުވަހަކު ކުރަންޖެހޭ ކަންތައްތައް ކުރުމަކީ ވާޖިބެއް. ވެކްސިން ދިނުމާއި ވެކްސިން ޕްރޮގްރާމުތަކުގައި ބައިވެރިވުމަކީ ސިއްހީ ނަޒަރުންނާއި ދީނީ މިންގަނޑުންނާއި އާއްމު އިޖުތިމާއީ މިންގަނޑުތަކުން ބަލާއިރު ކޮންމެހެން ކުރަންޖެހޭ " މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މި ރަސްމިޔާތުގައި ވޯލްޑް ހެލްތް އޯގަނިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދް މާތުރް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް އެފަދަ ޕްރޮގްރާމެއް ހިމެނުއްވީތީ އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އޭނާ ވިދާޅުވީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ބަލީގައި ކޮންމެ ދެ މިނެޓަކުން މީހަކު މަރުވާ ކަމަށެވެ.

"އެޗްޕީވީ ވެކްސިނަކީ ސަވައިކަލް ކެންސަރު (ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު) ބައްޔަށް، އަގުގެ ގޮތުން ބަލާއިރު ވެސް އެންމެ އެކަށީގެންވާ ފަރުވާ މި ވެކްސިނަކީ ސިއްހަތު ރަނގަޅު ދިރިއުޅުމަކަށް ކުރާ އިންވެސްޓްމަންޓެއް " އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އާޓްސް، ކަލްޓާ، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވީ
ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަަށް ކުރަންޖެހޭ ކަންތައް ކުރުމަކީ އެންމެންގެ ވެސް ޒިންމާއެއް ކަމަމަށާއި ކޮންމެ އާއިލާއަކީ ވެސް ކެންސަރު ބަލީގެ ވޭން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.

އެޗްޕީވީ ވެކްސިން ދިނުމުގެ ކެމްޕެއިން ނިމޭނީ ޖޫން، 21، 2019 ގައިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަފާ

    މިވެކްސިން ޖަހަން ކިހިނެތް ހަދަން ޖެހޭނީ؟؟ މާލެއިިން އެކަނިތަ ޖެހޭނީ؟

  2. ޓެކުސީ

    ކިތަންމެ ވަރަކަށް ވެކުސިން ޖެހި ނަމަވެސް އަދި މިވީތަނަކަށް ކެންސަރުބައްޔަށް ފަރުވާއެއް ހޯދިފަކާނެތް ސައިންސުވެރިން ކެނޑިނޭޅި ރެއާއިދުވާލު މަސައްކަތް ކުރަމުންދަނީ މި ބައްޔަށް ފަރުވާއެއް ހޯދޭތޯ އެކަމަކު 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ ސަރުކާރުން ވެކުސިނެއްދީ ރައްޔަތުން ހަނާއަރުވަނީ.