ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ލޯކަލް މާރުކޭޓު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހުޅުވައިދެއްވައިފިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެތަން ހުޅުވާދެއްވުމަށްފަހު މިނިސްޓަރ އިމްރާން ވަނީ އެ ރަށ ލޯކަލް މާރުކޭޓް ހުޅުވިގެން ދިއުމަކީ މިސަރަހައްދުގެ ދަނޑުވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑުކުރިއެރުމެއްކަމަށް ވިދާޅުވެފައެވެ،

މިނިސްޓަރ ވިދާޅުވީ، އެ ސަރަހައްދުގެ ދަނޑުވެރިންނަކީ ގިނަ ބާވަތްތަކެއް އުފައްދާ ބައެއް ކަމަށާއި، އެތަކެތި އާންމުންނަށް ފަސޭހައިން ވިއްކުމަށް ލޯކަލް މާރުކޭޓްގެ ސަބަބުން ފަސޭޙަވެގެންދާނެކަމަށެވެ.

އެ ރަށުގައި ލޯކަލް މާރުކޭޓް ގާއިމްކޮށްފައިވަނީ ކުޅުދުއްފުށީ ބަންޑާރަ މަގުގައެވެ. މިއީ ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ އިމާރާތެކެވެ.މި އިމާރާތުގެ ދިގުމިނުގައި 104 ފޫޓް އަދި ފުޅާމިނުގައި 62 ފޫޓު ހުންނާނެއެވެ. މި މާރުކޭޓުގައި އޮފީހަކާއި ސެކިއުރިޓީ ރޫމެއްގެ އިތުރުން ދަނޑުވެރިން ތަކެތި ވިއްކުމަށް 32 ގޮޅި ހުރެއެވެ.