އައްޑޫ ސިޓީ ފޭދޫގައި ޖަހާފައިހުރި އައިބީ ގެ ކެމްޕެއިން ބިލްބޯޑު ތަކެއް އަންދާލާ، އެ ތަކެއްޗަށް ބަޔަކު ގެއްލުން ދީފިއެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އައިބީ ގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ބޭފުޅަކު ވިދާޅުވީ، މިކަމަކީ އައިބީ ގެ ވާދަވެރި ކެނޑިޑޭޓުންގެ ފަރާތުން ހިންގާފައިވާ ކަންތައްތަކެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި، ކެމްޕެއިން ކުރުމުގައި އަމާން މާޙައުލެއް ޤާއިމު ކުރުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކޮށްދެއްވުން އެދޭ ކަމަށެވެ.

"އައިބީގެ ކެމްޕެއިން އޮފީހުގެ ފަރާތުން މިކަން އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން. މި ޢަމަލަކީ އައިބީ ގެ ކެމްޕެއިން ޓީމުގެ ފަރާތުން ހިންގި، އަދި ހިންގަފާނެ ޢަމަލެއް ކަމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން. ކެމްޕެއިންގައި އަމާން މާޙައުލެއް އޮތުމަކީ ވަރަށް މުޙިއްމު ކަމެއް. މިކަމުގައި ހުރިހާ ބޭފުޅުންވެސް އެއްބާރުލުން ދެއްވުން އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން." އައިބީ ގެ ކެމްޕެއިން ޓީމުން މަޢުލޫމާތު ދެއްވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިފަދަ ކަންކަން ކަމާއި ބެހޭ މުޢައްސަސާތަކުން ބަލާ، ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށާއި، މިއީ ހުރިހާ ފަރާތްތަކެއްގެ ރައްކާތެރިކަމަށްޓަކައިވެސް ކުރުން ކޮންމެހެން މުޙިއްމު ކަމެއް ކަމަށެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އައިބީ ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަންބިއާ

    އައިބީގެ ސަޕޯޓު މިޅިފޭދޫ އޮތީ އެންމެން އައިބީއަށް ވޯޓުލާހެތި..