ފްލާސްޓިކް ނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް އެންވާރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ކޮތަޅު މަދު ކުރުމަށް މިއަދު ފެށި ގައުމީ ކެންޕެއިން ފެށުމަށް މިއަދު އެންވަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިއަދު މި ފެށުނު ކެންޕެއިން އަކީ އެއް ފަހަރު ބޭނުން ކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ކޮތަޅު ރާއްޖޭގައި މަދު ކުރުމަށް ނުވަތަ އެއްކޮށް ހުއްޓާލުމަށް ފެށި ވަރަށް މުހިންމު ކެންޕެއިނެއް ކަމަށެވެ.

" މިއަދު މި ފެށުނު ކެންޕެއިންގެ ދަށުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން އަމާޒު ހިފޭނެ. ރާއްޖޭގެ ރައްޔިތުން ޕްލާސްޓިކަށް ނޫނެކޭ ބުނަން ޖެހޭ ޕްލާސްޓިކް ނޫން ގޮތެއް ހޯދަން ޖެހޭ " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތިރަށް ވިދާޅުވީ ޕްލާޓިކްގެ ސަބަބުން މުޅި ތިމާވެއްޓަށާއި އިންސާނާގެ ސިއްހަތަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާމަށެވެ.

މިއަދު މި ފެށުނު ކެންޕެއިންގެ ދަށުން މިނިސްޓަރ ހުސެއިން ރަޝީދު ވަނީ ތިމާވެށީގެ ނަމޫނާ ރަށްތަކަށް ގިނަ ފަހަރު ބޭނުން ކުރެވޭ ކޮތަޅު ހަދިޔާ ކުރައްވާފައެވެ.

ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ޕްރޮގްރާމްތައް ފެށި ދާއިމީގޮތެއްގައި ހިންގުމާއި ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރުމަކީ ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރެއިން ހިމެނޭ ކަމެކެވެ.

އެއް ފަހަރު ބޭނުންކުރުމަށްފަހު އުކާލާ ޕްލާސްޓިކް ބޭނުން ނުކުރަން ހެލްތް މިނިސްޓްރީ , ފޮރިން މިނިސްޓްރީ އަދި ރައީސް އޮފިހުން ވެސް ވަނީ ހުއްޓާލާފައެވެ. އަދި ބައެއް އެހެން މިނިސްޓްރީތަކުން ވެސް ވަނީ ހުއްޓާލާފައެވެ.ރާއްޖޭގައި ދުވާލެއްގެ މައްޗަށް ރިކޯޑް އަދަދަކަށް މި ބާވަތުގެ ވެއްޓަށް ގެއްލުންދޭ ޕްލާސްޓިކް އުފެއްދުންތައް ބޭނުންކުރެ އެވެ.

އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކުގެ ތެރޭގައި ފެންފުޅިތަކާއި ޕްލާސްޓިކް ކޮތަޅުގެ އިތުރުން އެއްޗެހި ބަންދުކުރަން ބޭނުންކުރާ ޕްލާސްޓިކް ހިމެނެއެވެ.

މިހާރުވެސް ރާއްޖޭގައި ދުވާލަކަށް 860 މެޓްރިކްޓަނުގެ ކުނި ކަނޑުތަކަށް އަޅާކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދި މާލޭގައި އެކަނިވެސް ދުވާލަކު 280،000 ޕްލާސްޓިކް ފެންފުޅި ބޭނުންކުރެ އެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތު ކަމުގެ ތެރެއިން ތިމާވެށި ހިމާޔަތް ކުރުމުގެ ހިދުމަތްތަކަށް ގްރީން ފަންޑެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް އަވަހަށް ގްރީން ފަންޑެއް އުފައްދަވާނެ ކަމަށް އެންވާރަމެންޓް މިނިސްޓަރ ޑރ ހުސެއިން ރަޝީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.