ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާ އަށް ވާދަކުރައްވާ، ޖަމީލް އުސްމާނު ގެ ފާއިތުވި ފަސް އަހަރު ދުވަހަަށް ބަލާއިރު، އެ ދާއިރާގައި ހިމެނޭ ހަތަރު ރަށަށްވެސް ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ.
އެގޮތުން، ބަނދަރާއި ނަރުދަމާގެ މަސައްކަތްތަކަށް ބަލާއިރު، މި މަސައްކަތްތައް ކުރުމަށް، ގެމަނަފުށީ ދާއިރާގެ ހަތަރު ރަށަށްވެސް ވަނީ އެތަށް މިލިއަން ރުފިޔާ އެއް ސަރުކާރުގެ ބަޖެޓްގެ ތެރެއިން ހޯއްދަވާފައެވެ.
ގެމަނަފުށީގައި ޒަމާނީ ބޮޑު ބަނދަރެއް ހައްދަވައި، ދެއްވަދޫ ބަނދަރާއި ކޮނޑޭ ބަނދަރުވެސް ވަނީ ނިންމަވައިދެއްވާފައެވެ. ހަމައެހެންމެ، ކަނޑުހުޅުދޫ ބަނދަރުގެ ބޭރު ތޮށި ނިމި، އެއްގަމު ތޮށީގެ މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައެވެ.
ނަރުދަމާގެ މަސައްކަތަށް ބަލާއިރު، ގެމަނަފުށި، ދެއްވަދޫ އަދި ކަނޑުހުޅުދޫގެ ނަރުދަމާގެ މަސައްކަތް ވަނީ، ބަޖެޓު ކުރެވި، ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައެވެ.
އަށާނަ ވަނަ ރައްޔިތުންގެ މަޖިިލީހުގައި މަސައްކަތްކުރެއްވި އިރު، ޖަމީލް ފާހަގަކުރެވިފައިވަނީ، ޤަވާއިދުން މަޖިލީހަށް ވަޑައިގަންނަވާ މެމްބަރެއްގެ ގޮތުގައެވެ. އަދި އެ ދާއިރާއެއްގެ އަޑު ވަރަށް ބޮޑަށް މަޑުވެފައިވާ ގެމަނަފުށީ ދާއިރާގެ އަޑު މަޖިލީހުގެ ތެރޭގައި ގުގުމާލެއްވި ބޭފުޅަކީވެސް ޖަމީލެވެ.
މަޖިލީހަށް ހުށަހެޅޭ އެކި ބިލް ތަކަށް ވަކާލާތު ކުރެއްވުމާއި، އެކި ކަހަލަ އިލްމީ ބަހުސް ތަކުގައި ޖަމީލް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އެގޮތުން، ބަޖެޓް ކޮމެޓީގައިވެސް އެންމެ ގިނަ ދުވަސް ވަންދެން މެދުނުކެނޑި މަސައްކަތްކުރެއްވި މެމްބަރުންގެ ތެރޭގައި ޖަމީލް ހިމެނިވަޑައިގަންނަވައެވެ.
ހަމައެހެންމެ، ޕާޓީ ބަދަލުކުރުމާއި، ރިޝްވަތުގެ އެކި އެކި ތުޙުމަތުތައް އެކި މެމްބަރުންނަށް ކުރެވެމުންދާއިރިވެސް، ޖަމީލް އަކީ އެއިން އެއްވެސް ކަހަލަ ތުޙުމަތުތަކެއް ކުރެވުނު މެމްބަރެއް ނޫނެވެ. ފަސްބައި ސާފު މެމްބަރެއްގެ ގޮތުގައި ދަޢުރު ނިމެން ގާތްވެފައިވާއިރު، ދާއިރާއަށް ވަޑައިގެން، ޖުމްލަ ފަނަރަ ފަހަރު ދާއިރާގެ ހުރިހާ ގޭގެއަށް ޒިޔާރަތްކުރެއްވި ކުރެއްވުންވެސް އަންގައިދެނީ، ދާއިރާގެ ރައްޔިތުންނާއި މެދު ޖަމީލްގެ ހިތްޕުޅުގައިވާ ގާތްކަމެވެ.
ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގެމަނަފުށި ދާއިރާއަށް ޖަމީލް ކުރިމަތިލައްވަނީ އަމިއްލަ ގޮތުންނެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.