ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގެމަނަފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ޤާބިލް ކެންޑިޑޭޓަކީ ޖަމީލް ކަން، އިއްޔެ އޮތް ބަހުސް ގައިވެސް ސާބިތުކޮށްދީފިއެވެ.

ގެމަނަފުށީ ދާއިރާގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، މަޖިލީހަށް މަންދޫބަކު ފޮނުވަނީ ވަކި މަސައްކަތްތަކެއް ކުރަން ކަމަށާއި، އެ މަސައްކަތް އެންމެ ފުރިހަމަ އަށް ކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ ވަކި ގޮތަކަށް މެމްބަރުން މަސައްކަތް ކުރުމަށް ރައްޔިތުން ނަގާ މަޖިލީހެއް. ރައްޔިތުންގެ މަޖިލިސް ތެރެއިން މި ކުރާ މަސައްކަތަކީ ޤާނޫނުތައް ހެދުމާއި، އޮންނަ ސަރުކާރެއް ޖަވާބު ދާރީ ކުރުމާއި، މިނިވަން މުޢައްސަސާތަކަށް މީހުން އައްޔަނު ކުރުމާއި، ބަޖެޓް ފާސް ކުރުން. މި ނޫން މަސައްކަތެއް ކުރާކަށް ރައްޔިތުންގެ މަޖިލީހަށް މީހަކު ނުވައްދާ. އެހެންވީމަ އެ މަސައްކަތް ކުރުމަށް ޤާބިލް މީހަކީ ކޮބައިތޯ އަޅުގަނޑުމެން ސުވާލު އުފައްދަން މި ޖެހެނީ." ޖަމީލް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ، މަޖިލިސް ތެރެއިން ކުރަންޖެހޭ މަސައްކަތް، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި އެކު ކުރައްވާނެ ކަމަށާއި، ދުވަހަކުވެސް ގޮނޑި ނުވިއްކާނެ ކަމަށެވެ. އަދި މާޒީގައި އެކަން ސާބިތުކޮށްދީފައިވާނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ބޭނުންވާ ޤާނޫނުތައް ހެދުމުގައި، އެ ޑްރާޕްޓް ކުރުމުގައި އެމީހެއް ގައިގަގ އެ ކޮލިޓީ ހުންނަންޖެހޭ. އަޅުގަނޑަކީ ޤައުމީ ފެންވަރުގެ މުބާރާތްތަކުގެ އިންސާފުކުރުމުގައި ތަފާތު އެތަކެއް ތަޖުރިބާ ހުރި މީހެއް. ރައްޔިތުންގެ މަޖިލިސް ތެރޭގައި ބޭނުންވާ އެކި އެކި ބިލްތައް ޑްރާފްޓް ކުރުމުގައި، ޓެކްނިކަލް ކޮލިފިކޭޝަން ތަކަކީ ވަރަށް މުޙިއްމު އެއްޗެއް. މިނިވަން މުސްތަޤިއްލު ކަމާއި އެކު މިކަންކަން ކުރުމަށްޓަކައި ބޭނުންވާ ތަޢުލީމީ ޤާބިލްކަމާއި، އެކަށީގެންވާ މަސައްކަތް ކުރުމުގައި ވަރަށް މުޙިއްމު ކަންތައްތަކެއް މީ. އެހެންވީމަ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ ރައްޔިތުންގެ މަޖިލީހުގައި މި ކުރާ މަސައްކަތް، ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއި އެކު، ގޮނޑި ނުވިއްކާ ކުރެވޭނެ ބަޔަކު މަޖިލީހަށް ވަދެގެން އެކަން ކުރެވޭނީ. އެ ކެނޑިޑޭޓަކީ އަޅުގަނޑު، ކުރިންވެސް އެކަން ސާބިތު ކޮށްދިނީ އަޅުގަނޑު، އަދި ފަހުންވެސް އެކަން ސާބިތު ކޮށްދޭނީ އަޅުގަނޑު، ދެވަނަ ނަމްބަރަށް ތިބޭފުޅުން ވޯޓު ދެއްވާ." ޖަމީލް ވިދާޅުވިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ގެމަނަފުށި ދާއިރާއަށް ޖަމީލް ކުރިމަތިލައްވަނީ އަމިއްލަ ގޮތުންނެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މޑޕ އިން ނުކުމެފަތިބީ ވ.ނާގާބީލު މީހުންގެ އަބުރުކަތިލާ ވައްބަހުން ޖެހުން ނޫންކަންތައްތައް ނޫން ކަންކަން ކުރާ ބައެއްކަން. ދިވެހި މުޖުތަމައުގެ އަގުތަކަށް އިޙްތިރާމް ނުކުރާ މީހުންނަށް މަލާމާތް ކުރާ އަޚްލާގު ނުބައި ބައެއް.

    10
    1