ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިނގުރައިދޫ ދާއިރާ އަށް ވާދަކުރައްވާ، އިބްރާޙިމް ފަލާޙުގެ ކެމްޕެއިން ޑޯޓުޑޯ، މިއަދު ރަސްމާދޫގައި ކުރިއަށް ގެންގޮސްފިއެވެ.

ފަލާޙު ވެސް ބައިވެރިވި މި ހަރަކާތުގައި ރަސްމާދޫގެ ގިނަ އަދަދެއްގެ ޒުވާނުންވެސް ވަނީ ބައިވެރިވެފައެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ފަލާޙުގެ ކެމްޕެއިން މެނޭޖަރ އަޙުމަދު މާހިރު ވިދާޅުވީ، ރަސްމާދޫގައި ކުރިއަށް ދިޔަ ޑޯޓުޑޯ ހަރަކާތުން ވެސް ފަލާޙަށް އޮތް ތަޢީދު ފެނިގެން ދިޔަ ކަމަށާއި، ކުރިއަށް އޮތް އިންތިޚާބާއި މެދު ޝައްކު ނުކުރާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން. ފަލާޙު އެ ކުރިމަތިލައްވަނީ އުންމީދު ތަކަކާއި އެކު. ދާއިރާގައި ހިމެނޭ ފަސްރަށަށް ވެސް ވޭތުވެގެންދިޔަ ފަސް އަހަރު އެތަށް ކަމެއް ކޮށްދެއްވާފައި ވަނީ. ދާއިރާގެ ރައްޔިތުންގެ އެކަންކަން ވަރަށް އުފަލާއި އެކު ބަލައިގަނޭ." މާހިރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަލާޙު ވިދާޅުވީ، ވަރަށް އަވަހަށް ފަލާޙުގެ ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށާއި، އެ ޖަލްސާ އަކީ ވަރަށް ކުލަގަދަ، ފޯރިގަދަ، ޖަލްސާއަކަށް ވާނެ ކަމަށެވެ.

"ފަލާޙުގެ ކެމްޕެއިންގެ ބޮޑު ޖަލްސާ ވެގެންދާނީ އިނގުރައިދޫ ތާރީޙުގައިވެސް ބާއްވާނެ އެންމެ ބޮޑު ޖަލްސާއަށް. އެންމެ ފޯރިގަދަ ޖަލްސާ. އެންމެ އަޑުގަދަ ޖަލްސާ. މި ޖަލްސާގައި ދާއިރާގެ ހުރިހާ ރައްޔިތުންވެސް ބައިވެރިވެވަޑައިގަންނަވާނެ." މާހިރު ވިދާޅުވިއެވެ.

ކުރިއަށްއޮތް އިންތިޚާބުގައި ފަލާޙު ކުރިމަތިވެލައްވަނީ، ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހެވެ.