ހަނިމާދޫ ދާއިރާގެ ޒުވާނުންގެ ހައްޤުގައި، ނިމިގެންމިދާ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ވަކާލާތުކޮށްފައިވާނެ ކަމަށް، ހަނިމާދޫ ދާއިރާގެ މެމްބަރ، ހުޞައިން ޝަހުދީ ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޝަހުދީ ވިދާޅުވީ، ހަނިމާދޫ ދާއިރާގެ އަދި ޚާއްޞަކޮށް ހަނިމާދޫ ޒުވާނުންނަކީ ކުޅިވަރަށް ވަރަށް ލޯބިކުރައްވާ ބައެއްކަމަށާއި، ހަނިމާދޫ އަކީ ފުޓުބޯޅައިގެ ރޮނގުން އެތައް ކާމިޔާބީ ތަކެއް ހޯދާފައިވާ ރަށެއް ކަމަށެވެ. ކުޅިވަރުގެ ފުރުޞަތުތައް ހަނިމާދޫއަށް ގެނައުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަމިއްލަ ގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ކުރައްވާފައިވާ ވާނެ ކަމަށް ޝަހުދީ ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ވަކާލާތު ކުރިކަމެއް އެއީ ރަށުގައި ޓާފް ދަނޑެއް އެޅުން. ހަނިމާދޫ އަކީ ގާތްގަނޑަކަށް އަށްޑިހަ ޕަސަންޓް ޒުވާނުން ރަށުގައި ދިރިއުޅޭ ރަށެއް. ވަރަށް ކުޅިވަރަށް ލޯބިކުރާ ރަށެއް. އެހެންވީމަ، އެއް ދަނޑަކުން އަޅުގަނޑުމެންނަށް ނުވެސް ވޭ. އެގޮތަށް ވަކާލާތު ކޮށްގެން އިތުރު ފުޓްސަލް ދަނޑެއްވެސް ލިބިފައި އޮންނާނީ ހަނިމާދުއަށް." ޝަހުދީ ވިދާޅުވިއެވެ.

އިތުރަށް މަޢުލޫމާތު ދެއްވަމުން ޝަހުދީ ވިދާޅުވީ، ހަނިމާދޫގެ ފުޓުބޯޅަ ދަނޑުވެސް ޒުވާނުން ބޭނުންވި ގޮތަށް ތަރައްޤީ ކުރުމަށް އެހީތެރިވެދީފައިވާނެ ކަމަށާއި، އެގޮތުން، އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކަމަށް ޚަރަދުކުރެވިފައިވާ ކަމަށެވެ.

"ޒުވާނުން ބައްދަލުކުރީމަ އަޅުގަނޑު ދެންނެވިން ތިކަމުގެ ޕްރޮޕޯސަލް އަޅުގަނޑަށް ދެއްވާށޭ. ދެން އޭރުއޮތް ކައުންސިލުން ޕްރޮޕޯސަލް އެއް ހަދާފަ ފޮނުވީ. ނުވަލައްކަ އަށް ވުރެ ގިނަ ރުފިޔާ އެ ޕްރޮޕޯސަލްގައި ހިމަނާފައި އޮތް. އެއީ ދަނޑުގެ ހުރިހާ ކަމަކަށް. ދެން އޭރުވެސް ހުންނާނެ ވިލާ ފައުންޑޭޝަނުން އެއްލައްކަ ފަންސާސް ހާސް ރުފިޔާގެ އެހީ ހޯދައިދީފައި. އެއްމިލިއަނަށް ވުރެ ގިނަ ރުފިޔާ، ހަނިމާދޫގެ ފުޓުބޯޅައަށް އަޅުގަނޑަށް ވާނީ ހޯދައިދެވިފައި." ޝަހުދީ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޝަހުދީ ވާދަކުރައްވަނީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާބެ

    ހަނިމާދޫ އަކަށް އެއްވެސް ކަމެއް 5 އަހރު ނިމުނުއިރު ޝަހްދީއެއް ނުކޮށްދޭ..މީނަ ބެލީ ޅިޔަނުން ތަކަށް ވަޒީފާ ހޯދައި ދެވޭތޯއާއި،މީނަގެ ޖީބަށް ގިނައިން ލާރިވަންނާނެ ގޮތްތަށް. އެކަމަށް ހަބޭސް....