ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އިނގުރައިދޫ ދާއިރާ އަށް ވާދަކުރައްވާ އިބްރާޙިމް ފަލާޙުގެ ކެމްޕެއިންގެ ހަރަކާތްތައް އިނގުރައިދޫގައި މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ފަލާޙު ވެސް ހިމެނޭ ގޮތަށް، ކެމްޕެއިން ޓީމުން ވަނީ، އިނގުރައިދޫގެ ގޭގެއަށް ޒިޔާރަތްކޮށް، ރައްޔިތުންނާއި ބައްދަލުކޮށް، އެ ރައްޔިތުންގެ ޝަކުވާތަކުގެ އަޑު އަހާފައެވެ. އަދި އެކަންކަން ހައްލުކޮށްދިނުމުގައި ފަލާޙު ގެންގުޅުއްވާ ތަޞައްވަރު ވެސް ވަނީ ރައްޔިތުންނާއި ޙިއްސާ ކުރައްވާފައެވެ. އިނގުރައިދޫއަށް މިއަދު ދިޔަ، ފަލާޙުގެ ކެމްޕެއިން ޓީމަށް ވަނީ އެ ރަށުން ހޫނު މަރުޙަބާއެއް ކިޔާފައެވެ.

މިހަރަކާތާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ފަލާޙުގެ ކެމްޕެއިން މެނޭޖަރ އަޙުމަދު މާހިރު ވިދާޅުވީ، ކެމްޕެއިން ޓީމަށް އިނގުރައިދޫން ހޫނު މަރުޙަބާއެއް ކީ ކަމަށާއި، އެކަމަށްޓަކައި އިނގުރައދޫ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

"ވަރަށްވެސް ހޫނު މަރުޙަބާއެއް އިނގުރައިދޫން އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. މިއީ ދާއިރާގެ އެންމެ ބޮޑު ރަށް. މި ރަށުގައި ފަލާޙަށް އޮތް ތާޢީދު ފެނިފައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޝައްކެއް ނުކުރަން ކުރިއަށް އޮތް އިންތިޚާބާއި ދޭތެރެއަކު. މުޅި ދާއިރާ އޮތީ ފަލާޙުގެ ފަހަތުގައި." މާހިރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މާހިރު ވިދާޅުވީ، ވަރަށް އަވަހަށް ފަލާޙުގެ ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާނެ ކަމަށާއި، އެ ޖަލްސާ އަކީ ވަރަށް ކުލަގަދަ، ފޯރިގަދަ، ޖަލްސާއަކަށް ވާނެ ކަމަށެވެ.

"ފަލާޙުގެ ކެމްޕެއިންގެ ބޮޑު ޖަލްސާ ވެގެންދާނީ އިނގުރައިދޫ ތާރީޙުގައިވެސް ބާއްވާނެ އެންމެ ބޮޑު ޖަލްސާއަށް. އެންމެ ފޯރިގަދަ ޖަލްސާ. އެންމެ އަޑުގަދަ ޖަލްސާ. މި ޖަލްސާގައި ދާއިރާގެ ހުރިހާ ރައްޔިތުންވެސް ބައިވެރިވެވަޑައިގަންނަވާނެ." މާހިރު ވިދާޅުވިއެވެ.

ކުރިއަށްއޮތް އިންތިޚާބުގައި ފަލާޙު ކުރިމަތިވެލައްވަނީ، ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓުގައެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހެވެ