ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ފޮނަދޫ ދާއިރާއަށް ގެނެސްދެއްވާފައިވާ ކުރިއެރުންތަކާއި، ކޮށްދެއްވާފައިވާ ޚިދުމަތްތައް، އެ ދާއިރާއިން ފެންނަން ހުންނާނެ ކަމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިހެން ވިދާޅުވީ، ޕީ.އެސް.އެމް އިން ގެނެސްދޭ، މަޖިލިސް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑަށް ލިބިފައިވާ ޤާބިލްކަމަކީ 2009 ވަނަ އަހަރު ފޮނަދޫ ދާއިރާގެ ރައްޔިތުން އެމީހުންގެ ބަސްބުނަން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ފޮނުވީންސުރެ މިއަދާއި ހަމައަށް، އެމީހުންގެ ހައްޤުގައި ވަރަށް ކެރިގެން ސާބިތުކަމާއި އެކު ވަކާލާތު ކުރުން. ދިވެހި ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމެއްގަ އެންމެ އިސްރޯލެއް އަދާކުުރުމުގެ ފުރުޞަތު އަޅުގަނޑަށް ލިބި، އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ޤައުމާއި، ދީނާ، އަޅުގަނޑުމެންގެ މިނިވަންކަމާއި މުސްތަޤިއްލުކަން ދެމެހެއްޓުމަށްޓަކައި ވަރަށް ސާބިތުކަމާއި އެކީ މަސައްކަތް ކުރުން. ފޮނަދޫ ދާއިރާގެ ރައްޔިތުން އިޚްލާޞްތެރި ނިޔަތަކާއި އެކީގައި ތެދުވެރިކަމާއި އެކު ވިސްނާވަޑައިގެންފިއްޔާ އަޅުގަނޑުގެ ޚިދުމަތް ފެންނަން ހުންނާނެ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ބަހުސްގައި، އިތުރަށް ވާހަކަފުޅު ދައްކަވަމުން ، ޢަބްދުއްރަޙީމް ވިދާޅުވީ، ނިމިދިޔަ ރައީސް ޔާމިންގެ ވެރިކަމުގައި، ސަރުކާރު ހިންގާ ޕާޓީގައި ހުންނަވައިގެން، ފޮނަދޫއަށް ތަރައްޤީގެ އެތައް މަޝްރޫޢެއް ގެނެސްފައިވާނެ ކަމަށާއި، އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުގައިވެސް އެ ދާއިރާއަށް މީހަކު ހޮވުމުގެ ކުރިން، މި ކަންކަމާއި މެދު ދާއިރާގެ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމަށެވެ.

ފޮނަދޫ ފާއިރާގައި ހިންގާފައިވާ ބައެއް މަޝްރޫޢުތައް

"ފޮނަދޫ ދާއިރާގެ ރައްޔިތުން އަޅުގަނޑަށް އިތުބާރުކޮށް ވޯޓުދޭންވީ ސަބަބަކީ ވޭތުވެގެންމިދާ ދިހަ އަހަރު ރައްޔިތުންގެ ޚިދުމަތުގަ އަޅުގަނޑު ސާބިތުވެ ހުރީތީ. ރައްޔިތުންގެ އިޙްސާޞްތަކާއި އެއްގޮތަށް އަޅުގަނޑު މަސައްކަތް ކުރީތީ. މި ޤައުމަށް ދިމާވި ބޮޑު ކޮންމެ ކަމެއްގަ ރައްޔިތުންގެ ހައްޤުގައި ބަސްބުނަން ކެރުނީތީ. މި ޤައުމު އަނދަވަޅަކަށް ވެއްޓެންދިޔަ ވަގުތު، އެންމެ އިސް ސަފަށް ނިކުމެ، އެ އަނދަވަޅުން ޤައުމު ނެގުމުގެ މަސައްކަތް ކުރީތީ. އަޅުގަނޑު ނިޞްބަތްވާ ޕާޓީގެ ވެރިކަމުގައި ފޮނަދޫ ދާއިރާއަށް ތަރައްޤީ ނެގައީތީ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ބަހުސްގައި ވާހަކަފުޅު ދައްކަވަމުން، ޢަބްދުއްރަހީމް ވިދާޅުވި ފަދައިން، ވޭތުވެގެން ދިޔަ ފަސް އަހަރު ތެރޭގައި ޢަބްދުއްރަޙީމް ވަނީ ފޮނަދޫ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ.

އެގޮތުން، ސަތާރަ ކިލޯމީޓަރުގެ، ހައްދުއްމަތީ ބޮޑު މަގު، އެންމެ ޒަމާނީ ފެންވަރަކަށް ހައްދަވައިދެއްވުމާއި، ފެނުގެ ނިޒާމު ޤާއިމުކުރުމާއި، ފޮނަދޫގެ އެތެރޭގެ މަގުތައް ހަދަންފެށުމާއި، ޞިއްޙީ މަރުޒަރުގެ އައު އިމާރާތް ބިނާކުރުމާއި، ސުކޫލުގައި ނުވަ ކުލާސްރޫމު ހިމެނޭ ތިންބުރީގެ އިމާރާތެއް ޤާއިމުކުރުމާއި، ބިޒްނަސް ސެންޓަރ އެއް ޤާއިމުކުރުމާއި، ބަނދަރު މަރާމާތު ކުރުމާއި، ދެ ފުޓްސަލް ފަނޑު ތަރައްޤީ ކުރުމާއި، އިންޖީނުގެއަށް ބޭނުންވާ ރަނގަޅު ފެންވަރުގެ ޖަނަރޭޓަރުތައް ހޯއްދަވައިދެއްވުމާއި، ޒަމާނީ މިސްކިތެއް ބިނާ ކުރެއްވުމާއި، 135 ހައުސިން ޔުނިޓްގެ މަސައްކަތްތަކަކީ، ހަމައެކަނި ފޮނަދޫން ފެންނަން ހުރި ތަރައްޤީގެ އެކި އެކި މަޝްރޫޢުތަކެވެ. މި މަޝްރޫޢުތަކަކީ ޢަބްދުއްރަހީމްގެ ފުރިހަމަ ޙިއްޞާ އޮވެގެން ފޮނަދޫ އަށް ހޯއްދަވައިދެއްވާފައިވާ މަޝްރޫޢުތަކެކެވެ.

މީގެ އިތުރުން، އެ ދާއިރާގައި ހިމެނޭ، މާމެންދޫއަށްވެސް ވަނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ގެނެސްދެއްވާފައެވެ. އެގޮތުން، ޕޮލިސް ސްޓޭޝަނެއް ޤާއިމުކޮށްދެއްވުމާއި، ބަނދަރު މަރާމާތު ކުރުމާއި، ނަރުދަމާ ޤާއިމުކުރުން ފަދަ ބޮޑެތި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ހަމައެހެންމެ، ޢަބްދުއްރަޙީމްގެ އަމިއްލަފުޅު ޚަރަދުގައިވެސް އެ ދާއިރާއަށް ވަނީ ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން، މާމެންދޫގެ މިސްކިތް އެއާރކޯންކޮށް، ކާޕެޓް އަޅައިދިނުމާއި، ހިލޭ ސާބަހަށް ޕްރީ ސުކޫލެއް ހިންގުން ފަދަ ކަންކަމަކީ، އަމިއްލަ ޙައިޞިއްޔަތުން ޢަބްދުއްރަޙީމް ކޮށްދެއްވާފައިވާ، އަދި ކޮށްދެއްވަމުންގެންދަވާ ކަންކަމެވެ.

ރައީސް ނަޝީދުގެ ސަރުކާރުގައިވެސް، އިދިކޮޅުގައި ހުންނަވައިގެން ސަރުކާރު ޖަވާބު ދާރީ ކުރުވުމާއި، ދާއިރާއަށް ލިބެންޖެހޭ ހައްޤު މިންވަރު ހޯއްދަވައިދެއްވުމަށް، ކެނޑިނޭޅި ޢަބްދުއްރަހިމް ގެންދެވީ މަސައްކަތްކުރައްވަމުންނެވެ.

ސިޔާސީ ގޮތުން ވަރަށް ގިނަ މަޤާމުތައް ފުރުއްވާފައިވާ، ޢަބްދުއްރަޙީމް ވަނީ ޕީ.ޕީއެމް ގެ ނައިބު ރައީސްކަންވެސް ކުރައްވާފައިވެއެވެ. ހަމައެހެންމެ، މިއަދު ޢަބްދުއްރަޙީމް ހުންނެވީ، ޕީ.އެން.ސީ ގެ ރައީސް ކަމުގެ މަޤާމުގައެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ފޮނަދޫ ދާއިރާއަށް ޢަބްދުއްރަޙީމް ވާދަކުރައްވަނީ ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުންނެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަމަހުގެ ހަވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނާޒް

    ކޮށްފަ ހުރި ވައްކަމާ ކެޓުވި ފްލެޓާ ވެސް ފެނޭ

    8
    11
    • Anonymous

      ސާބަސް ކަލެޔަށް. ހީވަނީ މިމީހުންގެ މީހުން ދުވަހަކުވެސް ފްލެޓް ނުނަގާހެން. ވައްކަމުގެ މާނަވެސް ނޭނގޭ ދޯ

      1
      1
  2. އަދުރޭ ސާބަހޭ

    އަދުރޭއަކީ ގަދަމީހެއް. މަޖުލިހުގަ ކޮއްމެހެންވެސް ހުންނަންޖެހޭމީހެއް. އަދި މިފަހަރު މާމުހިއްމު. އިންޑިޔާ ބޭރުކުރަން.

    12
    6
  3. ހައިކޫ

    މިސްޓަރ ކަލްކިއުލޭޓަރ

    8
    9
  4. ޢަލީ

    ތީ ކުރަންޖެހޭ ކަމެއް. ޥެރިކަމުގއި ތިބެގެން ކުރެވުނުވަރު