ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޑުއްވަރީ ދާއިރާއަށް ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު އާދަމް ޝަރީފް ޢުމަރަކީ 38 އަހަރު ސަރުކާރުގެ އެކި މުއައްސަސާތަކުގައި ތަފާތު ގިނަ ޙިދުމަތްތަކެއްކޮށްދެއްވާފައިވާ ބޭފުޅެކެވެ.

މަސައްކަތްކުރެއްވި ހުރިހާ ދާއިރާއެއްގައިވެސް އެ މަނިކުފާނުވަނީ އެ މަނިކުފާނުގެ ޤާބިލްކަން ދައްކަވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ޓީޗަރެއްގެ ގޮތުގައި ކިޔަވައިދިނުމަށް ހޭދަކުރެއްވި ދުވަސްވަރުގައިވެސް އާދަމް ޝަރީފްވަނީ ކާމިޔާބު ދުވަސްތަކެއް ހޭދަކުރައްވާފައެވެ. އާދަމް ޝަރީފްގެ ދަރިވަރުން ރާއްޖޭގެ އެކިހިސާބުތަކުގައި، ހާއްސަކޮށް ރ. އަތޮޅުގައިވެސް އެކި އިސް މަޤާމްތައް އަދާކުރަމުން ގެންދާކަން މިކަމުގެ ހެއްކަކަށް ފުދެއެވެ.

އޭގެ ފަހުގައި ތަޢުލީމީ ވުޒާރާގެ އެކި މަޤާމްތަކުގައިވެސް ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއިރު އެ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ހޯދުމުގައިވެސް އާދަމް ޝަރީފްގެ ހިއްސާވެސް ވަރަށް ބޮޑުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ހެދިފައިވާ ޓީޗާރސް ރިސޯސަސް ސެންޓަރ (ޓީ.އާރު.ސީ) އަކީ މިކަމުގެ ދިރިހުރި މިސާލެކެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ޓީޗަރުން ތަމްރީން ކުރުމަށް ޓީ.އާރު.ސީން ކުޅެމުން އަންނަނީ އަގު ނުކުރެވޭ ފަދަ ދައުރެއްކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެން.އައި.އީ އުފައްދާ އެތަންވެސް ކާމިޔާބުކަމާއިއެކު ހިންގާފައިވެއެވެ.

އާދަމް ޝަރީފް، ސަޕޯޓަރުންނާއި އެކު

ތަޢުލީމީ ދާއިރާގެ އިސް މަޤާމެއްގައި ހުންނަވަނިކޮށް ކުރީގެ ރައީސް ޔާމީން ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަޤާމަށް އެ މަނިކުފާނު ބަދަލުކުރެއްވިއެވެ. ބައެއް ފަރާތްތަކުން އެމަނިކުފާނަށް ޑިފެންސް މިނިސްޓްރީ ހިންގިދާނެތޯ ސުވާލު އުފެއްދި ނަމަވެސް ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހޭދަކުރެއްވި ދުވަސްތަކުގައި އެމަނިކުފާނުވަނީ އެ ދާއިރާގައިވެސް ޤާބިލްކަން ސާބިތުކޮށްދެއްވާފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރުގެ މަޤާމުގައި ހުންނަވާ ކުރެއްވި ބައެއް މުހިއްމު މަސައްކަތްތަކަށް ބަލައިލާއިރު ނޭޝަނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރު އުފެއްދެވުމާއި ޑިފެންސް ކޮލެޖު އުފައްދަވާ ސިފައިން ތަމްރީން ކުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރައްވާފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ދައުރުގައި ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ދުވަސްކަމަށްވާ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުވެސް ސަރުކާރު ދެމެހެއްޓުމުގައި ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އާދަމް ޝަރީފްވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ. މިއީ އެމަނިކުފާނުގެ ޤާބިލްކަން އެންމެ ފުރިހަމައަށް ސާބިތުކޮށްދިން އެއް ދުވަސްކަން ފާހަގަކޮށްލެވެއެވެ. ސިޔާސީ ހަލަބޮލިކަން އައިއިރު ގައުމު ހަމަ މަގަށް އެޅުއްވުމުގައި ސާބިތުކަމާއިއެކު ހުންނަވާފައިވެއެވެ.

މީގެ އިތުރުން އާދަމް ޝަރީފްގެ އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ އާދަމް ޝަރީފްގެ ފިކުރާއި އިދިކޮޅު ރައީސް ނަޝީދުގެ ވެރިކަމުގައިވެސް އެ ސަރުކާރާއި ގުޅިގެން މުއައްސަސާތައް ދެމެހެއްޓުމުގައި ހުންނެވިއެވެ. މިހުރިހާކަމެއްގައިވެސް ޤާބިލްކަން ސާބިތުކޮށްދެއްވާފައިވާ އާދަމް ޝަރީފްއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާގެ ގޮނޑި ފުރުއްވަން އެންމެ ޤާބިލް ބޭފުޅާކަމީ އެއްވެސް ޝައްކެތްއޮތްކަމެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ހީ އިޒް ރިއަލީ އެކްސެލެންޓް.

  2. އަނީސް

    އާދަމް ޝަރީފު ޢުމަރަކީ ޢިލްމާއި ހިލްމާއި ތަޖްރިބއާއެކު ސަރުކާރަށް މެދުނުކެނޑު ޚިދުމަތްކުރައްވާފައިވާ ވަރަށް ޤާބިލް ދިވެހި ދަރިއެކެވެ. އެމަނިކުފާނުގެ ހިންގުންތެރިކަން ތަޢުލީމީ ދާއިރާއިންނާއި ދިފާޢީ ދާއިރާގައި މަސައްކަތް ކުރެއްވި ވަރަށް ގިނަ ބޭފުޅުން ޤަބޫލުކުރައްވައެވެ. މީހުންނާައި ހިތްހެޔިކަމާއެކު މުޢާމަލާތްކުރައްވައި އެންމެ އާދައިގެ މީހުންނާއިވެސް އެއް ހަމައެއްގައި ފައިހަމަކޮށްލެވޭ ބޭފުޅެއްކަމުގައި އާދަމް ޝަރީފް ވެލައްވާކަން އެއީ އެމަނިކުފާނު ކުރިމަތިލެއްވި ކޮންމެ ދާއިރާއަކުންވެސް ކާމިޔާބީ ޙާޞިލްވުމުގެ ސިއްރެވެ. ގެންގުޅުއްވާ ރިވެތި އުޞޫލްތަކާއި އިންސާފާައި ހަމަހަމަ ކަމުގެ ސަބަބުން މިއަދު މަޑުއްވަރީ ދާއިރާގެ ގިނަ ރައްޔުތުން ތިބީ އެމަނިކުފާނާއި އެކު ދައިރާގެ ތަރައްޤީއާއި ހޭލުންތެރިކަން ކުރިއރުވުމަށް ކަމަރުބަނދެގެންނެވެ. ބޮޑު އަގުލަބިއްޔަތުން މަޑުއްވަރީ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބުކުރުމުގެ ޢަޒުމުގައެވެ.

    1
    1
  3. އައިޝާ

    މަޑުއްވަރީ ދާއިރާގެ އެންމެ ޤާބިލް ކެނޑިޑޭޓު، އާދަމް ޝަރީފަށް ކާމިޔާބީއަށް އެދެން