އަންނަ މަހު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ގއ.ވިލިނގިލީ ދާއިރާއަށް ވާދަކުރައްވާ ޝަހީބް އިބްރާހިމްއަށް ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ތާއިދު ކުރާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަންގެ ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ގއ. ވިލިގިނގިލީ ދާއިރާއަށް އެ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނީ ޝަހީބު ކަމަށާއި، އެ ކޯލިޝަނުން އޭނާއަށް ތާއިދު ކުރާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ތާއިދާއެކު ޝަހީބް އެ ދާއިރާއަށް ނެރުނީ އެ ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ތާއިދާ އޭނާއަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތީމަ ކަމަށެވެ.

“އަޅުގަނޑުމެންގެ އިހްލާސްތެރި އެދުމަކީ ރައީސް ޔާމީންއަށް ތާއިދު ކުރައްވާ ހުރިހާ ބޭފުޅުން ޕީޕީއެމް، ޕީއެންސީއަށް ތާއިދު ކުރައްވާ ބޭފުޅުން މި ގައުމަށް އިހްލާސްތެެރި ހުރިހާ ބޭފުޅުން ޝަހީބުއަށް ވޯޓު ދެެއްވައިގެން ވިލިގިނލީ ގޮޑި ޝަހީބުއަށް ލިބޭނެ ގޮތް ހައްދަވާދެއްވުން”. އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ، އެ ކޯލިޝަންއިން ޝަހީބުއަށް ތާއިދު ނުކުރާނެކަމަށް ބުނެ އެކިއެކި ބޭފުޅުންދައްކަވަމުން ގެންދާ ވާހަކަތަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

“ވަރަށް ސާފްކޮށް މި ދަންނަވަނީ ވިލިގިނލީ ދާއިރާއަށް ވާދަކުރައްވާ ސައުދުއަކީ އަޅުގަނޑުމެންގެ ތާއިދު އޮތް ބޭފުޅެއް ނޫން. އަޅުގަނޑުމެންގެ ތާއިދު އޮތް ބޭފުޅަކީ ޝަހީބް އިބްރާހިމް”. އަދުރޭ ވިދާޅުވިއެވެ.