ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވާނެ ކަމަށް، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ، އިރުތިޝާމް އާދަމް ވިދާޅުވެއްޖެވެ.

ރޭ އިރުތިޝާމްގެ ކެންޕެއިން ޖަގަހަ ކުރިމަތީގެ ބޭއްވި ހާއްސަ ފަރިއްކޮޅުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުން އިރުތިޝާމް ވިދާޅުވީ އެކަމަނާ، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލީ ރައްޔިތުންނަށް އަމާނާތްތެރިކަމާއި، އިހުލާސްތެރި ކަމާއެކު މަސައްކަތްތަކެއް ކުރެއްވުމަށް ކަމަށެވެ.

"އަޅުގަނޑު މިހުރީ ތިޔަ ބޭފުޅުންނާއެކު މަސައްކަތް ކުރައްވަން ތައްޔާރަށް. އަޅުގަނޑާއެކު މި މަސައްކަތުގައި ބައިވެރިވާ ހުރިހާ ޕާޓީއަކަށް ނިސްބަތްވާ ހުރިހާ ކަބަލުންނަށް ޝުކުރިއްޔާ،" އިރުތިޝާމު ވިދާޅުވިއެވެ.

އިރުތިޝާމް ވިދާޅުވީ ދާއިރާގެ ރައްޔިތުންގެ ފަރާތުން އާންމުކޮށް އިވިގެން ދާ އަޑަކީ ގޯތި ގެދޮރުގެ ދަތިކަމުގެ ވާހަކަ ކަމަށާއި، އެހުރިހާ ކަމަކަށް ހައްލު ހޯދައިދީ ދާއިރާގެ އަޑު މަޖިލީހުގައި އިއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ރޭ އިރުތިޝާމްގެ ކެންޕެއިން ޖަގަހަ ކުރިމަތީގައި ބޭއްވި ހާއްސަ ހަފްލާގައި އިރުތިޝާމް ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން އެކަމަނާއަށް ތާއިދު ކުރައްވާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. ރޭ ކުރިއަށް ގެންދިޔަ ފަރިއްކޮޅުގެ ތެރެއިން ވަނީ ދައްމާނު ބޮޑުބެރު ގުރޫޕުގެ ހަރަކާތްތަކެއްވެސް ފެނިގެން ގޮސްފައެވެ.

ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ، ޢިލްމީ އަދި ޤާބިލް ބޭފުޅަކީ، ކެނޑިޑޭޓު ނަމްބަރ އެކެއް، އިރުތިޝާމް އާދަމްއެވެ.

އިރުތިޝާމް ވަނީ ވޭތުވެދިޔަ 25 އަހަރު އެކި ރޮނގު ރޮނގުން ޤައުމަށް ޚިދުމަށްކުރައްވާފައެވެ. ރައީސް ޔާމީން ގެ ސަރުކާރުގައި، ހެލްތު މިނިސްޓަރ ކަމުގެ މަޤާމާއި، ޔޫތު މިނިސްޓަރ ކަމުގެ މަޤާމުވެސް އެކަމަނާ ވަނީ ފުރުއްވާފައެވެ.

ކުރިއަަށްއޮތް މަޖިލިސް އިންތިޚާބުގައި ހެންވޭރު ދެކުނު ދާއިރާއަށް އިތުރިޝާމް ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. މަޖިލިސް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަަވަނަ ދުވަހުއެވެ.